ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީޑީއާތަކަށް ކަށަވަރުކޮށްދިން ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 27 އިން ފެށިގެން އެ ކުންފުނީގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނެވި އަފީފް މަގާމުން ވަކިކުރިކަން އޭނާއަށް މިއަދު ވަނީ ރަސްމީކޮށް އަންގައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމަށް ބަދަލު ގެނައި މިއީ ތިންވަނަ ފަހަރެވެ. މި ސަރުކާރުގައި އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ މިހާރު އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދެވެ. އޭގެ ފަހުން އެ މަގާމު އަދާކުރެއްވީ މުހައްމަދު ނަޖާހު އެވެ.
ކުރިން އެ ކުންފުނީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވި އަފީފް، އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ފެނަކައިގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް، އޮނިގަނޑު ކުޑަކުރުމުގެ މަސައްކަތް އިއުލާނު ކުރި އެވެ.
ރާއްޖޭގެ ރަށްރަށަށް އަސާސީ ހިދުމަތްތައް ދެމުން އަންނަ ފެނަކަ އުވާލައި، އެ ކުންފުނިން ދެމުންދިޔަ ހުރިހާ ހިދުމަތެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހު އެވެ.
ރައީސް ވިދާޅުވެފައި ވަނީ، ފާއިތުވި ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އޮޑިޓް ރިޕޯޓުތަކުން ސާފުވާން އެބައޮތް ކަމަށެވެ. އަދި ފަންނީ ބޭފުޅުންގެ ލަފައާއެކު ބެލިބެލުމުން، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެން ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް ފެންނާތީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެ ކުންފުނި އުވާލައި ސްޓެލްކޯގެ ދަށަށް މަސައްކަތްތައް ބަދަލުކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

