މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 13 ގައި ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް (53 އަހަރު) އެވެ.
ރަޝްވާން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، ރަޝްވާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާގެ ދިފާއުގައި ކޯޓުގައި ބުނެފައިވަނީ ބަނގުރާ ފެނުނު ތަން ފާސްކޮށްފައިވަނީ އޭނާގެ ނުވަތަ މަސްލަހަތު ހިމާޔަތްކުރާނެ މީހެއްގެ ހާޒިރުގައި ނޫން ކަމަށެވެ.
މި ނެޓްވޯކާ ގުޅިގެން ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށްވާ އަލް އަމީން، ޕޮލިން، އަދި އެމްޑީ ރަކިބް ހޮސެން ވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ. ހައްޔަރުކުރި މުވައްޒަފުން ތަހުގީގުގައި ބުނެފައިވަނީ، އެ މީހުން ބަނގުރާ ވިއްކުމުގެ މަސައްކަތް ކުރަމުންދިޔައީ ސީދާ ރަޝްވާންގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ކޯޓުން ވަނީ މި މައްސަލައިގައި ހިމެނޭ ބިދޭސީންގެ ބަންދަށްވެސް މުއްދަތު ޖަހައިދީފައެވެ. އެގޮތުން އަލް އަމީން އަދި ޕޮލިންގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

