ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ އެއްބަސްވުން ހާމަކޮށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މާލެއަތޮޅު ފުށިދިއްގަރުފަޅު ހިއްކައި، އެ ތަނުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދީގެން ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށާއި، ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް އެއްވެސް މުއާމަލާތެއް ހިންގާ ނަމަ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް މައި އިދިކޮޅު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ސަރުކާރުން މިހާތަނަށް އަމަލުކުރަމުންދާ ގޮތާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރި މައުލޫމާތާ ދެމެދު ފުށުއެރުންތަކެއް ހުރިއިރު، ސަރުކާރުން އެކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ފަސްޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދައުލަތުން އުފުލަންޖެހޭ މާލީ ޒިންމާތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ އިނާޔަތްތަކާއި ލުއިތައް ހިމެނޭހެން އެންމެހައި ޝަރުތުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ނުވަތަ މުސްތަގުބަލުގައި އެފަދަ ހައްގެއް އުފަންވެދާނެ އެއްވެސް އުސޫލެއް ހިމެނޭތޯ ކަށަވަރުކޮށްދިނުމަށް ވެސް އެ ޕާޓީން އެދިފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ބިދޭސީންނަށް ބިން މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ އިހުތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށާއި އެއީ ސީދާ ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

އެހެންކަމުން، ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާތީ، އާންމު ވޯޓަކުން ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ނޫނީ މިފަދަ އެއްވެސް މުއާމަލާތަކަށް ނުވަނުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: