ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ބަނޑުހައިހޫނުކަން ފިލުވުމަށް އޮތް ވަސީލަތެއް ނޫނެވެ. އެއީ ޤައުމެއްގެ އިސްތިޤުލާލާއި، އިޤްތިޞާދީ މިނިވަންކަމާ ސީދާ ގުޅިފައިވާ އެންމެ އަސާސީ ބިންގަލެވެ
. ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަކަށް ބަލާއިރު، ކެއިންބުއިމުގެ ގިނަ ބާވަތްތަކަށް ބޭރު ޤައުމުތަކުން ކުރާ އިމްޕޯޓަށް މުޅިންހެން ބަރޯސާވެފައި އޮތުމަކީ ބޭރު ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ސިޔާސީ ލޮޅުންތަކުގެ ސަބަބުން ނާޒުކު ހާލަތަކަށް ވެއްޓިދާނެ ކަމެކެވެ. އެހެންކަމުން، އަމިއްލަ ފަސްގަނޑުގައި ހައްދައި އުފެއްދޭނެ ކާބޯތަކެތީގެ ބާވަތްތައް ފާހަގަކޮށް، އެ ތަކެތި އަމިއްލައަށް އުފައްދައި ބާޒާރަށް ނެރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މިއަދު ދިވެހި ޤައުމުގެ ސަލާމަތާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ޤައުމީ ޢަމާޒެކެވެ.
ގަބޫލު ކުރަން ޖެހޭ ކަމަކީ ޤައުމެއްގެ ސިޔާދަތާއި މިނިވަންކަން ފުރިހަމަވަނީ އެ ޤައުމެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން އަމިއްލަ ބާރުގެ ދަށުގައި އޮވެގެންނެވެ.
ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، ސަރަޙައްދީ ހަނގުރާމަތަކާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކޮންމެ ދަނޑިވަޅެއްގައިވެސް ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އަމިއްލަ އުފެއްދުންތެރިކަން ވަރުގަދަވެގެންނެވެ. ދިވެހި ފަސްގަނޑުގައި ހެދޭ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ހައްދައި، ކާބޯތަކެތީގެ ސިޔާދަތު ޤާއިމުކުރުމަކީ ބޭރުގެ ނުފޫޒުތަކުން ޤައުމު ދިފާޢުކޮށް، ޤައުމީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީވެ ފުޅާވުމަކީ ދިވެހި އިޤްތިޞާދަށް އޭގެ އެދެވޭ އަސަރު އެތައް ގޮތަކުން ފޯރާނެ ކަމެކެވެ. އެންމެ ބޮޑު އެއް ފައިދާއަކީ، ކާބޯތަކެތި އެތެރެކުރުމަށްޓަކައި ބޭރު ޤައުމުތަކަށް ދެމިގެންދާ ބޭރު ފައިސާ ނުވަތަ ޑޮލަރު ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓިގެން ދިއުމެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި މަސްވެރިކަމަށް އެކަނި ބަރޯސާވެފައިވާ އިޤްތިޞާދު ސިންދަފާތުކޮށް އަތޮޅުތަކުގެ ރަށްރަށުގައި އާމްދަނީ ލިބޭނެ އިތުރު ދޮރުތަކާއި އައު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ. މިއީ ރަށްރަށުގެ އިޤްތިޞާދީ ދިރުން އިތުރުވެ، މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށްދޭނެ ކަމެއްވެސް މެއެވެ.
ހަމައެެހެންމެ ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ދަނޑުވެރިކަމުގެ ވައްޓަފާޅި މިއަދު މިވަނީ ޒަމާނީ ޢިލްމާއި ޓެކްނޮލޮޖީއާ ގުޅުވާލަން ޖެހިފައެވެ. ބިމުގެ ޖާގަ ކުޑަވުމާއި ފަސްގަނޑުގެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، ހައިޑްރޯޕޮނިކްސް، ގްރީންހައުސް، އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ އުކުޅުތައް ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިފަދަ ޓެކްނޮލޮޖީގެ އެހީގައި ފެނާއި ގަސްކާނާ އިސްރާފުވުން މަދުކުރެވި، މަދު ޖާގައަކުން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ތަކެތި އުފެއްދިދާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް ކުރަންޖެހޭ ބުރަ މަސައްކަތް ލުއިވެ، ލިބޭ މާލީ ނަފާ އިތުރުވެ، ޒުވާނުންނާއި ތަޢުލީމީ ދިވެހިން މި ދާއިރާއަށް ޝައުޤުވެރިކުރުވުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަކީ ހަމައެކަނި ވަކި ސިނާޢަތެއް ކުރިއެރުވުމެއް ނޫނެވެ؛ އެއީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަމާއި، އިސްތިޤުލާލާއި، އަދި ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ބިންގަލެކެވެ. ސަރުކާރުގެ އެހީތެރިކަމާއެކު ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، ދިވެހި ފަސްގަނޑުން ތިޔާގިކަން ހޯދުމަށް ފަށާފައިވާ މި ދަތުރަކީ މާދަމާގެ ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ އޮތުމަށް ކޮށޭ އަގުހުރި މަގެކެވެ.

