ސިނަމާލެ ބްރިޖުގެ ހައިވޭގައި ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ، އެ ވަގުތު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ފަތިހު 4:29 ހާއިރު ހިނގި އެ ހާދިސާގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލު ކޮންޓްރޯލުނުވެ، ފުލުހެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.
އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އެހެންނަމަވެސް، ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމަކޮށްފައި ނުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ހާމަކޮށްފައި ނުވެއެވެ.
ހައިވޭގައި އެ ވަގުތު ތިބި ފުލުހުން މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވި އެ ސައިކަލް ހުއްޓުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

