ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި 4 މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކޯޓުން ވަނީ އެމިހުންގެ މައްޗަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ. ކޯޓުން ބުނީ އެމީހުންގެ މައްޗަށް ކުރު މުއްދަތެއް ދީފައިވަނީ، ވަކީލަކު ހަމަޖެއްސުމަށް ފުރުޞަތަށް އެދިފަވާތީކަމަށެވެ.
ޖުމްލަ 4 މީހުން މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެއީ ފުލުސް މީހާ ގައިގައި ޖެއްސި ސައިކަލުގައި ތިބި ދެ މީހުންނާއި، އެކަމާއި ގުޅުން އޮތް އިތުރު 2 މީހުންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
- އަޙުމަދު މާއިޝް މުޙައްމަދު މާހިރު، ފެނީވާ/ސ.ހިތަދޫ، 21 އަހަރު
- އަނޫފް ބިން މުޙައްމަދު، ހ.ފިލްމީސައިޓް/ ކ.މާލެ، 21 އަހަރު
- ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް، އުއްދަނޑިމާގެ / ހދ.ކުޅުދުއްފުށި، 20 އަހަރު
- އަޙްމަދު ސިނާޒް، މަލަ/ކ.ގާފަރު، 30 އަހަރު
ފުލުހުންގެ ބަޔާނާއި ސީސީޓީވީ ފޫޓޭޖާއި އަނިޔާވި ފުލުސް މީހާއަށް ލިބިފައިވާ ފޮޓޯ ރިޕޯޓަށް ބަލާއިރު، ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ބަންދު އަމުރުގައިވެއެވެ. ވަގުތީ ނަތީޖާއިން ފެނުނު ގޮތުގައި މި އެންމެންވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާކަމަށް ކޯޓުގެ ބަޔާނުގައިވެއެވެ.
ހާދިސާގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލު، ހައިވޭގައި ޖަހާފައިވާ، ވީސީޕީގެ ބެރިކޭޑުގައި ޖެހި އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ޖެހި ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

