އިންޑިއާގެ ތަނަވަސް ފަސްގަނޑާއި ބޮޑެތި ބިންތަކުގައި ދަނޑުވެރިކަމަކީ ހަމައެކަނި ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކުރާ މަސައްކަތެއް ނޫނެވެ. އެއީ ޖީލުތަކާއި، ސަގާފީ އާދަކާދަތަކާއި އަދި ރަށްފުށުގެ މުޖުތަމައުތަކުގެ ދިރިއުޅުން އެކީގައި ބައްޓަންކޮށްދީފައިވާ މުހިންމު ފަލްސަފާއެކެވެ. ހިންދީ ބަހުން ”ކެތީ-ބާޅީ“ ގެ ނަމުން ނަންދެވިފައިވާ މި ދަނޑުވެރިކަމުގެ ތެރޭގައި ބިން ހެއްދުމާއި، ގަސްގަހާގެހި އިންދުމުގެ އިތުރުން މިލިއަނުން ގުނާލެވޭ އާއިލާތަކަށް އެހީތެރިވުމަށްޓަކައި ގެންގުޅޭ ޖަނަވާރު ބަލަހައްޓައި ބޮޑުކުރުންވެސް ހިމެނެއެވެ.
އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ދަނޑުވެރިކަމުގެ ބާވަތްތައް އެންމެ ގިނައިން އުފައްދާ އެއް ގައުމެވެ. އޭގެ ތެރޭގައި ހަނޑޫ، ގޯދަން، ހަކުރު އޮަަށް، ކަފަ، ތަރުކާރީ، މޭވާ އަދި އެހެނިހެން ގިނަ ބާވަތްތަކުގެ ގަސްގަހާގެހި ހިމެނެއެވެ. ނަމަވެސް، ކޮންމެ މޫސުމެއްގެ ގޮވާމުގެ ފަހަތުގައި އެތައް މަހެއްގެ ބުރަ މަސައްކަތާއި، ފަރުވާތެރި ރޭވުންތެރިކަމާއި އަދި ކާއިނާތުގެ ތަބީއަތާ އޮންނަ ގާތް ގުޅުން ފެންނަން އޮވެއެވެ.
ބިން ތައްޔާރުކުރުމާއި އޮށް އިންދުން
ދަނޑުވެރިކަމުގެ މަރުހަލާ ފެށެނީ ބިން ތައްޔާރުކުރުމުންނެވެ. ދަނޑުވެރިން ބިންގަނޑު މަޑުކޮށް، ވިނަ ނޮޅައި، އޮށް އިންދުމަށް އެންމެ އެކަށޭނަ ގޮތަށް ބިން ހެދުމަށްޓަކައި ބިން ފޮރުޅައެވެ. ޒަމާނުއްސުރެ ދަނޑުވެރިން ގެރި ބޭނުންކޮށްގެން ބިން ފޮރުޅަމުން އައި ނަމަވެސް، މިހާރު ގިނަ ސަރަހައްދުތަކުގައި ޓްރެކްޓަރާއި ޒަމާނީ މެޝިނަރީތައް ބޭނުންކުރުން ވަނީ އާންމުވެފައެވެ. އޮށް އިންދުމުގެ ކުރިން ބިންގަނޑުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިން ގަސްކާނާ ނުވަތަ ކޮމްޕޯސްޓް ބޭނުންކުރެއެވެ.އިންދާ ވަގުތަކީވެސް ނުހަނު މުހިންމު އެއްޗެކެވެ.
އިންޑިއާގެ ދަނޑުވެރިކަން މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ތިން މޫސުމަކަށެވެ. އެއީ ހޫނު މޫސުމުގެ ވާރެއާ ގުޅިފައިވާ ’ޚަރީފް‘ މޫސުމާއި، ފިނި މޫސުމުގެ ’ރަބީ‘ މޫސުމާއި، އަދި ހޫނު މޫސުމުގެ ކުރު މުއްދަތެއްގެ ’ޒައިދު‘ މޫސުމެވެ. ހަނޑުލާއި ކަފައަކީ އާންމުކޮށް ޚަރީފް މޫސުމުގައި ހައްދާ ބާވަތްތަކެވެ. އަދި ގޯދަމާއި، މުގާއި، ނަސާޕަތީ ފަދަ ތަކެތި ހައްދަނީ ރަބީ މޫސުމުގައެވެ. ކޮންމެ ބާވަތެއް އިންދާނެތޯ ނިންމަނީ ވާރޭވެހޭ މިންވަރާއި، ހޫނުމިނާއި، ބިންގަނޑުގެ ހާލަތާއި، ފެން ލިބެން ހުރި މިންވަރާއި އަދި ބާޒާރުގައި އެ އެއްޗަކަށް އޮތް ޑިމާންޑަށް ބަލާފައެވެ.
ފެންދިނުމާއި ގޮވާން ބެލެހެއްޓުން
ގަސްގަހާގެހި ދުޅަހެޔޮކަމާއެކު ހެދުމަށް ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ދަނޑުވެރިން ބަރޯސާވަނީ މޫސުމީ ވާރެއަށާއި، ކޯރުތަކަށާއި، ކާނުތަކަށާއި، ވަޅުތަކަށާއި އަދި ބިމުގެ އަޑީގެ ފެނަށެވެ. ބައެއް މީހުން ސަގާފީ ފެންދޭ ނިޒާމުތައް ބޭނުންކުރާއިރު، އަނެއް ބަޔަކު ސްޕްރިންކްލަރާއި ޒަމާނީ ފެންދޭ ނިޒާމުތައް ބޭނުންކުރެއެވެ. ހަނޑުލަކީ އާންމުކޮށް ފެންބޮޑުކޮށްފައިވާ ދަނޑުތަކުގައި ހައްދާ އެއްޗެކެވެ. ނަމަވެސް މިހާރު ފެން އިސްރާފު ކުޑަކުރާ ގޮތްތައްވެސް ބޭނުންކުރެއެވެ. ވާރޭ މަދުން ވެހޭ ސަރަހައްދުތަކުގައި، ފެން ހެޔޮގޮތުގައި ބޭނުންކުރުމަކީ ދަނޑުވެރިކަން ކާމިޔާބުވުމުގެ އަސްލެވެ.
ގަސްތައް ހެދެން ފެށުމުން، ދަނޑުވެރިން މެދުނުކެނޑި އެތަކެތި ބަލަހައްޓަން ޖެހެއެވެ. ވިނަ ނޮޅުމާއި، ސޫފިތަކާއި ބަލިތަކުން ގަސްތައް ސަލާމަތްކުރުމާއި، ކާނާ ދިނުމާއި އަދި އެކަށީގެންވާ ވަރަށް ފެނާއި އަވި ލިބޭކަން ކަށަވަރުކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. މިއީ މުޅި އާއިލާއާއި މުޖުތަމައު ބައިވެރިވާ މަސައްކަތެކެވެ. ވަކިން ހާއްސަކޮށް އަންހެނުންނަކީ އޮށް އިންދުމާއި، ގަސް ބަދަލުކުރުމާއި، ވިނަ ނޮޅުމާއި، ގޮވާން ކެނޑުމާއި، ޖަނަވާރު ބެލެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެކަނބަލުންގެ މި ބުރަ މަސައްކަތަކީ ދަނޑުވެރިކަމުގެ މައި ނާރެހެވެ.
ގޮވާން ކެނޑުމާއި އުފެއްދުންތައް ވިއްކުން
އެތައް މަހެއްގެ މަސައްކަތަށްފަހު، ދަނޑުތައް ގޮވާން ކެނޑުމަށް ތައްޔާރުވެއެވެ. ގޮވާން ކަނޑާނެ ވަގުތު ކަނޑައަޅަނީ އެ ހައްދާ ބާވަތެއް ފުރިހަމައަށް ދޮވެލުމުންނެވެ. ބައެއް ދަނޑުވެރިން ސަގާފީ ވަޅި ބޭނުންކޮށްގެން ގޮވާން ކަނޑާއިރު، ބޮޑެތި ދަނޑުތަކުގައި ޒަމާނީ މެޝިނަރީތައް ބޭނުންކުރެއެވެ. ގޮވާން ކެނޑުމަށްފަހު، އޮށްތައް ވަކިކޮށް، ސާފުކޮށް، ހިއްކަނީ އޭގައި ހުންނަ ތެތްކަން ކަނޑުވާލައި ހަލާކުވިޔަ ނުދިނުމަށެވެ.
އޭގެ ފަހުން މި އުފެއްދުންތައް ރައްކާކޮށް، ބާޒާރުތަކަށް ފޮނުވައި ނުވަތަ ވިއްކާލައެވެ. ބައެއް ދަނޑުވެރިން ވިޔަފާރިވެރިން މެދުވެރިކޮށް ނުވަތަ ސަރުކާރުގެ ނިޒާމުތަކުގެ ތެރެއިން ތަކެތި ވިއްކާއިރު، އަނެއް ބަޔަކު ސީދާ ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދެއެވެ. ނަމަވެސް، ކާމިޔާބު ގޮވާމަކީ އަބަދު ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނޫނެވެ. ތަކެތި ގިނަވުމުން އަގު ދަށްވުމާއި، ދަތުރުފަތުރާއި، މަސައްކަތު މީހުންނާއި، ކާނާ އަދި މެޝިނަރީގެ ހަރަދު ބޮޑުވުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެކެވެ. އަދި އަވަހަށް ހަލާކުވާ ފަދަ މޭވާއާއި ތަރުކާރީ ރައްކާކުރާނެ ފިނި ގުދަންތައް ނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ.
ޖަނަވާރުގެ ދައުރު
އިންޑިއާގެ ގިނަ ރަށްފުށު ސަރަހައްދުތަކުގައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމަކީ ވަކިނުކުރެވޭނެހާ ގުޅިފައިވާ ދެކަމެވެ. ގެރިބަކަރިން ކިރު ލިބޭއިރު، އެތަކެތީގެ ގުއި ބޭނުންކުރަނީ ބިންގަނޑު މުއްސަނދިކުރާ ގުދުރަތީ ގަސްކާނާގެ ގޮތުގައެވެ. ބައެއް ސަރަހައްދުތަކުގައި ބިން ފޮރުޅުމަށް އަދިވެސް ގެރި ބޭނުންކުރާއިރު، ކުކުޅާއި ބަކަރި ފަދަ ތަކެއްޗަކީ އިތުރު އާމްދަނީއާއި ކާނާ ލިބޭ މަސްދަރުތަކެކެވެ. މި ގުޅުމުގެ ސަބަބުން ގޮވާމުން ޖަނަވާރުންނަށް ކާނާ ލިބި، ޖަނަވާރުންގެ ސަބަބުން ދަނޑުވެރިކަމަށް އެހީތެރިވެދޭ ދެމެހެއްޓެނިވި ދައުރެއް އުފެދިގެންދެއެވެ.
ގޮންޖެހުންތަކާއި ޒަމާނީ ކުރިއެރުންތައް
މުހިންމު ދާއިރާއަކަށް ވީނަމަވެސް، އިންޑިއާގެ ދަނޑުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. މޫސުން ބަދަލުވުމާއި، ފެންބޮޑުވުމާއި، ތަކެތީގެ އަގު އުފުލުމާއި، ފެނުގެ ތަދިކަމަކީ ދަނޑުވެރިންގެ ދިރިއުޅުމަށް އޮތް ބިރުވެރިކަމެކެވެ. ކުދި ދަނޑުވެރިންނަކީ މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން، ދަނޑުތައް ހަލާކުވުމުން އަލުން ތެދުވުމަށް އެންމެ ބޮޑަށް އުނދަގޫވާ މީހުންނެވެ. މިކަންކަމަށް ހައްލު ހޯދުމަށްޓަކައި، މިހާރު ޒަމާނީ އޮށްތަކާއި، ބިންގަނޑު ތަހުލީލުކުރުމާއި، މޫސުމީ ލަފާކުރުންތަކާއި އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ވަނީ ފަށާފައެވެ.
ހަމައެއާއެކު، އިހުގެ ސަގާފީ އިލްމަކީވެސް ނުހަނު އަގުހުރި އެއްޗެކެވެ. ހާއްސަކޮށް މޫސުމްތަކާއި ބިންގަނޑުގެ ހާލަތު ދެނެގަތުމުގައި މި އިލްމު މުހިންމެވެ. މިހާރު އޮތް އެންމެ ބޮޑު މަސައްކަތަކީ މި ސަގާފީ އިލްމާއި ޒަމާނީ ޓެކްނޮލޮޖީ އެކުލަވާލައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއަށް ގެންދިއުމެވެ.
އިންޑިއާގެ ’ކެތީ-ބާޅީ‘ އަކީ ބިން ތައްޔާރުކުރުމާއި، އޮށް އިންދުމާއި، ގަސްތައް ހެދިބޮޑުވުމާއި އަދި ގޮވާން ކެނޑުމުގެ މެދުނުކެނޑޭ ބުރެކެވެ. މިއީ ހަމައެކަނި ކާނާ އުފެއްދުމެއް ނޫނެވެ؛ މިއީ އާއިލީ ދިރިއުޅުމާއި، ސަގާފީ އާދަކާދަތަކާއި، އަދި ރަށްފުށުގެ މުޖުތަމައުތަކުގެ ކެތްތެރިކަމުގެ ދިރިހުރި ރަމްޒެކެވެ. ކޮންމެ ހަނޑޫ ފުކަކާއި، ކޮންމެ ރޮއްޓަކާއި، އަދި ކޮންމެ ތަރުކާރީ ވަށިގަނޑެއްގެ ފެށުމަކީ، ގިނަ ފަހަރަށް މީހުންނަށް ނުފެންނަ ބުރަ މަސައްކަތްތަކެއް ކުރާ ދަނޑުވެރިންގެ މިންނެތް ހިތްވަރެވެ.
ދަނޑުވެރިކަން ފުރިހަމައަށް ދެނެގަތުމަކީ، މުޅި ގައުމެއްގެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމުގައި އެކުލެވިގެންވާ ކެތްތެރިކަމާއި، ހުނަރާއި، އަދި އޮންނަ ނޭނގުމުގެ ތެރެއިން ކުރާ ފޮނި އުންމީދުތައް އަގުވަޒަންކޮށް ބަލައިގަތުމެވެ. ސަބަބަކީ، ކާނާ އަހަރެމެންގެ ކާ މޭޒުތަކާއި ސުފުރާތަކާ ހަމައަށް އައުމުގެ މާ ކުރިން، އެ ދަތުރު ފެށިގެން އަންނަނީ ދަނޑުވެރިޔާގެ ދެއަތުން، ބިމުގެ ކުޑަ ފަސްކޮޅަކުން އަދި އެ ފަސްގަނޑުގައި އިންދާލެވޭ ކުޑަކުޑަ އޮށަކުން ކަމަށްވާތީއެވެ.

