ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޓޯކް ޝޯ ’ކޮފީ ވިތު ކަރަން’، 22 އަހަރަށްފަހު ނިންމާލަން ތައްޔާރުވެއްޖެއެވެ. އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޓީވީ ޝަޚްސިއްޔަތު ކަރަން ޖޯހަރް ވަނީ މި ޝޯގެ ނުވަވަނަ ސީޒަނަކީ އެންމެ ފަހު ސީޒަންކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. ސްޓްރީމިންގ ޕްލެޓްފޯމް ’ޖިއޯ ހޮޓްސްޓާ‘ މެދުވެރިކޮށް 14 އޮކްޓޫބަރު 2026 ގައި މި ސީޒަން ދައްކަން ފަށާފައިވާއިރު، މިއީ ތާރީޚީ މި ޝޯއަށް އަލްވަދާއު ކިޔުމުގެ ފެށުމެވެ.
ނޮވެމްބަރު 2004 ގައި ފެށި ’ކޮފީ ވިތު ކަރަން‘ އަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދި ޝޯއެކެވެ. ބޮލީވުޑްގެ އެންމެ ބޮޑެތި ތަރިން އެއްތަންވެ، އެމީހުންގެ މަސައްކަތާއި، ރަހުމަތްތެރިކަމާއި، ލޯބީގެ ގުޅުންތަކުގެ އިތުރުން އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ނުރަސްމީ މާހައުލެއްގައި ވާހަކަދެއްކުމުގެ ފުރުސަތު މި ޝޯއިން ތަނަވަސްކޮށްދިނެވެ. ޚާއްޞަކޮށް، ފަންނާނުންނަށް ކުރިމަތިކުރާ ކުއްލި ސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދޭންޖެހޭ ’ރެޕިޑް ފަޔަރ‘ ބުރު ވެގެންދިޔައީ ގިނަ ފަހަރަށް މީޑިއާގެ ސުރުހީތަކަށް އަރައި، ސަޕޯޓަރުންގެ މެދުގައި ބޮޑެތި ބަހުސްތައް އުފެދުނު ބަޔަކަށެވެ.
ޝޯ ނިންމާލާކަން ހާމަކުރަމުން ކަރަން ޖޯހަރް ބުނީ، މި ދިގު ދަތުރުގައި އުފެދުނު ގާތް ގުޅުންތަކާއި، ފޮނި ހަނދާންތަކުގެ އިތުރުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު، އޭނާގެ ފަންނީ ހަޔާތުގެ މުހިންމު ބައެއްގެ ގޮތުގައި ދެ ދަހަރަށްވުރެ ގިނަ ދުވަހު އޮތް މިފަދަ ޝޯއެއް ނިންމާލުމަކީ ނުހަނު އަސަރުގަދަ ކަމެއް ކަމަށެވެ. މި ޝޯގެ ދިގު ތާރީޚުގައި ޝާހްރުކް ޚާން، ކާޖޮލް، ކަރީނާ ކަޕޫރު ޚާން، ދީޕިކާ ޕަދުކޯން، ރަންވީރު ސިންގް އަދި އާލިއާ ބަޓް ފަދަ އިންޑިއާގެ ފުންނާބު އުސް އެތައް ފަންނާނުންނެއް ވަނީ ބައިވެރިވެފައެވެ.
ފަހު ސީޒަންގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ފެނިގެންދިޔައީ ސުޕަރސްޓާ ސަލްމާން ޚާންއެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު ވެސް ހާއްސަ ފެނިލުމަކުން މި އެޕިސޯޑުން ފެނިގެންދިޔައިރު، ސަލްމާން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ކާމިޔާބު ކެރިއަރުގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. މި ދެ ތަރިން އެކުގައި ފެނިގެންދިއުމަކީ ގިނަ ބެލުންތެރިންނަށް މާޒީގެ ހަނދާންތައް އާކޮށްދިން ކަމަކަށް ވިއެވެ.
މުނިފޫހިފިލުވުމުގެ ގޮތުން މި ޝޯ ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، ފިލްމީ ދާއިރާގައި ވަކި ބަޔަކަށް އިސްކަންދިނުން ނުވަތަ ’ނެޕޮޓިޒަމް‘ އާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ޝޯއަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވިއެވެ. އެހެންނަމަވެސް، އެފަދަ ހިޔާލުތަފާތުވުންތަކާ އެކުވެސް މި ޝޯއަކީ އިންޑިއާގެ ޕޮޕް ކަލްޗަރގައި ހާއްސަ މަގާމެއް ހޯދާފައިވާ ޕްރޮގްރާމެކެވެ. މިހާރު ދައްކަމުންދާ ނުވަވަނަ ސީޒަނަކީ ބޮލީވުޑްގެ ތަރިންގެ މިނިވަން ވާހަކަތައް މި ޝޯގެ ސޯފާއިން ބެލުންތެރިންނަށް ފެންނާނެ އެންމެ ފަހު ފުރުސަތެވެ.

