ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ“ މަޝްރޫއަކީ އެ މަޝްރޫއު ހިންގާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ކުރިއަށް ގެންދާ ބިޔަ މަޝްރޫއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ މިދިޔަ ސެޕްޓެމްބަރު 29 ގައި މިނިސްޓަރު މުއްތޮލިބަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެ މަޝްރޫއާ ގުޅޭ 20 މުހިންމު ކަމެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގެން ފޮނުއްވި އެ ސިޓީއަށް މި މަހުގެ 15 ވަނަ ދުވަހު މިނިސްޓަރު ވަނީ ލިޔުމުން ޖަވާބު ދެއްވައިފަ އެވެ. މި ޖަވާބުތައް މެންބަރު މުހައްމަދު އިބްރާހިމްގެ އަމިއްލަ ވެބްސައިޓުގައި މިހާރު ވަނީ އާންމުކުރައްވައިފަ އެވެ.
މެންބަރުގެ ސުވާލުތަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، އީގަލް ހިލްސްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.22 ގެ (ނ) ގެ ދަށުން ކަމަށެވެ. މިއީ ސަރުކާރުން އިސްނަގައިގެން ހުޅުވާލާ ބީލަންތަކުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ހުށަހެޅުމަށް އޮންނަ އުސޫލު ނުވަތަ ”ޕްރައިވެޓް ސެކްޓާ އިނިޝިއޭޓެޑް ޕްރޮޕޯސަލް“ ގެ ދަށުން ސޮއިކުރި މުއާމަލާތެކެވެ.
މީގެ އިތުރުން މި މަޝްރޫއަށް ބިން ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ކަނޑައަޅާފައިވާ މައްސަލައާ ގުޅިގެން މިނިސްޓަރު ސާފުކޮށްދެއްވި ގޮތުގައި، މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ވިޔަފާރީގެ މައިގަނޑު އަސާސްތައް ބަޔާންކުރާ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، މި މަޝްރޫއުގެ އެންމެ ފަހުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރެއިން ފުރިހަމައަށް މަޝްވަރާކޮށް ގާނޫނީ ހަމަތައް ފުރިހަމަކުރުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުން ދައުލަތަށް ލިބޭނެ މާލީ މަންފާތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދޫކުރެވޭ ބިމުގެ ޕްރިމިއަމްގެ ގޮތުގައި އީގަލް ހިލްސްއަށް ލިބޭ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތުން ބިމުގެ ލީސް ނުވަތަ ޕްރިމިއަމްގެ ގޮތުގައި ޖުމްލަ 3 ބިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
މީގެ އިތުރުން ވެސް ފާހަގަކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި:
- މާކެޓުގައި ޕްރޮޕަޓީގެ އަގު އުފުލެމުންދާ ވަރަކަށް ދައުލަތަށް ލިބޭ އާމްދަނީގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވުން.
- މި މުއާމަލާތުގެ ތެރެއިން ލިބޭ ފައިސާގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ސީދާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ކޮމާޝަލް ޓާމްސްގައި ހިމަނާފައިވުން.
- ދައުލަތަށް މިއީ ފައިދާހުރި ގޮތެއްތޯ ވަޒަންކުރުމުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ތަންތަން ކުއްޔަށް ދޫކުރުމުގައި ބޭނުންކުރާ ”ލީސް އިކުއިޒިޝަން ކޮސްޓް“ ހިސާބުކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ފޯމިއުލާތަކަށް ރިއާޔަތްކޮށްފައިވުން.
މި މަޝްރޫއަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތާ ގުޅުވައިގެން، ޒަމާނީ ފެންވަރުގެ ވޯޓާފްރަންޓް ސިޓީއަކާއި މެރީނާއެއް ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލް-އައްބާރުގެ އީގަލް ހިލްސްއާ ގުޅިގެން ކުރިއަށްގެންދަން ރާވާފައިވާ ބިޔަ މަޝްރޫއެކެވެ. ސަރުކާރުން ބުނެފައިވަނީ މިފަދަ މަޝްރޫއުތައް ކުރިއަށްދާނީ ގައުމުގެ އިސްތިގުލާލާއި ބިމުގެ މިލްކުވެރިކަން ދައުލަތުގެ ބާރުގެ ދަށުގައި ދަމަހައްޓައިގެން ކަމަށެވެ.

