މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގޫ ހުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާންގީތަކުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައިކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. އަދި އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމު ރައްޔިތުންނާއި، ރަށްރަށުގެ ކައުންސިލުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
ޑެންގީއަކީ ބަލިޖެހިފައިވާ މީހެއްގެ ގައިގައި ”އީޑީސް“ މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުގެ ސަބަބުން ވައިރަސް ވާސިލުވެގެން ފެތުރޭ ބައްޔެކެވެ. މި ބަލި ޖައްސާ އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައެވެ.
ޑެންގީހުން ފެތުރޭ މިންވަރު މަދުކުރުމަށް އެކި އިދާރާތަކާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ފަރުދީ ގޮތުންވެސް މިކަމަށް ޚާއްސަކޮށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
ޑެންގީހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
- ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން
- މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން
- ޑެންގީ ޖައްސާ ”އީޑިސް“ މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވުމާއެކު، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
- ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުން
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖޫން މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި 673 މީހުންނާ އަލާބަލާއިރު، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދު ނިސްބަތުން މަދުވިނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ޑެންގީ ހުން ޖެހިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ޑޮކްޓަރެއްގެ ލަފާގެ މަތިން ޕެރެސެޓަމޯލް ފިޔަވައި ތަދުކަނޑުވާ އެހެން ބޭހެއް ބޭނުން ނުކުރުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.

