އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓުގައި ރެއިލިން ހަރުކޮށްފިއެވެ.
އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް ފެށި މަސައްކަތުގެ ތެރެއިން ރެއިލިން ހަރުކުރަން އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ، ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފުރުސަތުގައި ޖުމުލަ 1,011 އެޕާޓްމަންޓުން ވަނީ ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދިފައެވެ.
އެ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މިހާތަނަށް ވަނީ، 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައެވެ. މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓުތަކުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސެޕްޓެންބަރު ތިންވަނަ ދުވަހު އެ ކޯޕަރޭޝަނުން ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

