ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރުވެސް 1,273 މަޝްރޫއެއްގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި، އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. ނަމަވެސް، އެފަދަ ދަތިތަކާ އެކުވެސް ސަރުކާރުން އިސްކަންދީފައިވާ މުހިންމު މަޝްރޫއުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން ހުއްޓުމެއްނެތި މަސައްކަތް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަޝްރޫއުތަކަށް ފައިސާ ދޫކުރުމާއި ތަންފީޒު ކުރުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ”ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ،“ ކަމަށެވެ.
ބައެއް މަޝްރޫއުތައް ހިންގުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، ފިނޭންސް މިނިސްޓްރީގެ މޮނިޓަރިން ޓީމުން އެ މަސައްކަތްތައް ގާތުން ބަލަމުން އަންނަ ކަމަށާއި، އިސްކަންދޭންޖެހޭ ތަރުތީބުން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައެވެ.

