ގެދޮރު އިމާރާތްކުުރުމަށާއި ގަތުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ”ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް“ އަށް އިތުރު ދެ ބައެއް އިތުރުކޮށް، މާލީ ހަތަރު އިދާރާއަކާ އެކު ހައުސިން މިނިސްޓްރީން މިއަދު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ މާލީ ހަތަރު އިދާރާ ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ހައުސިން ފައިނޭންސް ލީޒިން (އެމްއެފްއެލްސީ) އާ ގުޅިގެން މިއަދު އިފްތިތާހުކުރީ ”ހެލްޕް ޓު ބިލްޑް“ އަދި ”ހެލްޕް ޓު ބައި“ ޕްރޮގްރާމެވެ.
ހައުސިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ވޯލްޑް ބޭންކް ގްރޫޕްގެ އެހީތެރިކަމާ އެކު ކުރިއަށްގެންދިޔަ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ) ދިރާސާއިން ދައްކާފައިވަނީ ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. އެހެންކަމުން މިއަދު ތައާރަފުކުރި ބައިތަކުގެ މައިގަނޑު މަގްސަދަކީ ގޯއްޗެއް އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.
ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމުގެ ބޭންކް ލޯނު ހޯދުމަށް ސަރުކާރުން އެހީތެރިވެދޭ ”ހެލްޕް ޓު ބިލްޑް“ އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. މީގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެއެވެ. މި ބައިގެ ދަށުން:
- 1 މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200,000ރ. އާ ހަމަޔަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ.
- އާއިލީ ބިމެއްގައި އެއްފަރާތަށްވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތްކުރާ ނަމަ، ބޮލަކަށް 200,000ރ. ގެ މަގުން 1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނުގެ އިކުއިޓީ ޕޭމަންޓް ހަމަޖައްސައިދެވޭނެއެވެ. މި އުސޫލު ހިނގާނީ ހަމައެކަނި މާލޭގެ ބިންތަކަށެވެ.
- ކުރެހުމާއި ބީއޯކިއުއަށް ބަލައި 1 މިލިއަން ރުފިޔާއަށްވުރެ މަތިން ލޯނު ނެގި ނަމަވެސް، ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200,000ރ. އެވެ.
މިއީ އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ނަމަވެސް، އިމާރާތްކުރާތާ 20 އަހަރު ދުވަހުގެ ތެރޭގައި އެ ތަން ވިއްކާލައިފި ނަމަ އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.
’ހެލްޕް ޓު ބައި‘ ގެ ތަފުސީލު
އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ”ހެލްޕް ޓު ބައި“ ގެ ދަށުން ދެ ގޮތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
- އެފޯޑަބަލް ހައުސިން: ޕީޕީޕީ އުސޫލުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250,000ރ. އާ ހަމައަށް ހިލޭ އެހީ ލިބޭނެއެވެ. މިއީ 2024 ވަނަ އަހަރުގެ ”ހިޔާވަހި“ ސްކީމާ ވަކިން ހިންގާ ޕްރޮގްރާމެކެވެ.
- މާކެޓް ރޭޓް ޔުނިޓްސް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250,000ރ. އާ ހަމައަށް ހިލޭ އެހީ ދެއެވެ.
މި އެހީގެ ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގެދޮރު ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ އަދަދު އުނިކުރެވޭނެއެވެ.
މި ދެ ޕްރޮގްރާމުން ވެސް އެހީ ލިބޭނީ އެދޭ ފަރާތުގެ ނަމުގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

