ދިވެހި ސަރުކާރުން އެކި ދުވަސްވަރު މަތިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި މުއްދަތު ހަމަވި ދަރަނިތައް ދެއްކުމަށް މިހާތަނަށް ޖުމްލަ 1.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ތެރޭގައި ދައްކައި ޚަލާޞްކުރި ބޮޑެތި ފެސިލިޓީތަކުގެ ތެރޭގައި 2021 ވަނަ އަހަރު ބައިނަލްއަޤްވާމީ ބާޒާރަށް ދޫކުރި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އިތުރުން، 2024 ވަނަ އަހަރު ސޮއިކުރި 400 މިލިޔަން ޑޮލަރުގެ އިންޑިއާ ކަރަންސީ ސްވޮޕް ފެސިލިޓީ ފާހަގަކޮށްލެވެއެވެ. މި ފެސިލިޓީތައް ހިމެނޭހެން ބޮޑެތި ދަރަނިތައް ދެއްކުމަށް ސަރުކާރުން ވަނީ ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ދުނިޔޭގެ މާލީ ބާޒާރާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން، ބޭރު ފައިސާއިން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އެސްޑީއެފަށް ޖަމާކޮށް ދަރަނި ދެއްކުމަށް ޚާއްޞަކުރިއެވެ. ދަރަނި އަދާކުރުމަށްޓަކައި އެޅި މި ފިޔަވަޅުތަކާއެކު، މިއަހަރުގެ އެޕްރީލް މަހާ ހަމައަށް އެސްޑީއެފަށް އަދި މާރިޗު މަހާ ހަމައަށް ދައުލަތުގެ ރިޒާވަށް ވަނީ ރެކޯޑު މިންވަރަކަށް ފައިސާ އިތުރުވެފައެވެ.
ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރިޒާވްއާ މުޅިން ވަކިން، ބޮޑެތި ލޯނުތައް ދެއްކުމަށާއި ކުއްލި އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ބޭނުންކުރަމުން އަންނަ ޚާއްޞަ ފަންޑެކެވެ. މި ފަންޑު ވަރުގަދަކޮށްގެން ދަރަނި އަދާކުރުމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

