ރަސްމާލެ މަޝްރޫއާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އާ ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދޭނެ ކަމަށް ބުނެފައިވާތީ، އެކަމާ ގުޅޭގޮތުން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ޝައިޚް އިމްރާނަކީ މިހާރު ދައުލަތުގެ ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަސްމީ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާއަކީ މަރްޙޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ވެސް ލިޔެކިޔުންތަކެއް ދައްކަވައި، ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށް ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި ސިޔާސީ ޕާޓީއަކުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅައިފިނަމަ، އެކަމާމެދު ސަރުކާރުން ވިސްނާނެކަމަށެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ ކަމެއްގައި ވެސް އުސޫލުގެ ތެރެއިން ސަރުކާރާ ބައްދަލުކުރެވޭނެ ކަމަށާއި، އާންމު ރައްޔިތުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުސަތުތައް ސަރުކާރުން ހުޅުވާލާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިހާތަނަށް ކަންކަން ސާފުކުރުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކަށް އަރައި މަސައްކަތް ކުރަމުންދަނީ ކަންކަން އޮޅުވާލަން ކަމަށެވެ.
ބޮޑެތި މަޝްރޫއުތައް ހިންގާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަން ސަރުކާރުން ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި ފެންނަނީ ހަގީގަތް ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލަން ބަޔަކު މަސައްކަތްކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ޝައިޚް އިމްރާން ކުރައްވާ އަމިއްލަ ގޮވާލުންތަކަށް ސަރުކާރުން މަޝްވަރާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ، ރަސްމާލޭގައި ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއަށް ހަވާލުކޮށްފައިވާ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ މަންދޫބުންނާއެކު ޝައިޚް އިމްރާން އަބްދުﷲ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި ވަނިކޮށެވެ.
އެ ބައްދަލުވުމުގައި އިމްރާން ވަނީ އެ މަޝްރޫއު ހުއްޓާލަންދެން ”ދިވެހީންގެ ބިން ދިވެހީންނަށް“ ނަމުގައި ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވާކަން އިއުލާނުކުރައްވައި، މިއީ ރައީސް މުޢިއްޒުގެ އަމިއްލަ މަސްލަހަތަށް ހިންގާ ޖަރީމާއެއް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ދައުލަތުގެ ބޮޑު ހަރަދުގައި ހިއްކި ބިން ޒަޔަނިސްޓުންނަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވިދާޅުވެ، މި މަޝްރޫއު ހުއްޓާލުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

