ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުނި އީގަލް ހިލްސްއާއެކު ވެވޭ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ އެއްބަސްވުމުގައި ސޮއިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
”ސަންގު“ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އީގަލް ހިލްސްއާ އެކު ކުރިއަށްދާ އެއްބަސްވުމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް މީގެ ކުރިން މައުލޫމާތު ހާމަކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން، ކޮމާޝަލް ޓާމްސް އެގްރީމެންޓާއި، އެމްއޯޔޫ އަދި ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) ގެ މަރުހަލާތަކަށްފަހު، މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ރަސްމީ މައިގަނޑު އެއްބަސްވުން އެކުލަވާލުމާއި ގާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް، ނުވަތަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހާ ހަމައަށް މި އެއްބަސްވުމުގައި ސޮއިކޮށް އެއްކޮށް ނިންމާލުމެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަން ސަރުކާރުން މި ހާމަކުރީ، ރަސްމާލޭގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މި މަޝްރޫއު ހުއްޓާލުމަށް ގޮވާލަމުން ދިޔަ ނަމަވެސް، ސަރުކާރުން ދަނީ ގާނޫނީ ހަމަތަކުގެ މަތިން މި އެއްބަސްވުން ފުރިހަމަކޮށް، މަޝްރޫއު ބާރަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.

