ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އޮކްޓޫބަރު 20އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސް ޑރ. މުއިއްޒު އެ ޤައުމަށް ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީރު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއެވެ.
ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އަދި އެޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެޤައުމުގެ އިސް ބައެއް ވަޒީރުންނާއި ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން ގިނަ އެއްބަސްވުންތަކެއް ގާއިމްކުރެވިގެން ދާނެއެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި އިޤްތިސާދީ ރޮނގުންނާއި، ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންނާއި އަސްކަރީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ސިވިލް އޭވިއޭޝަންގެ ދާއިރާ އާއި އެނޫންވެސް އެހެން ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރުއެވެ. އެއީ އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދައުވަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އޭގެ އިތުރުން،ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ތިން ފަހަރު ރަސްމީ ދަތުރުފުޅުތަކުގައި ޕާކިސްތާނަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގައެވެ.
ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައި ވަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ވަނަ އަހަރުގައެވެ. އެހެންކަމުން ދެޤައުމުގެ ގުޅުމަށް މިއަހަރު ވަނީ 60 އަހަރު ފުރިފައެވެ.

