އާންމު ރައްޔިތުންނަށް ނުލިބޭ އިންޝުއަރެންސެއް ރައްޔިތުން ތަމްސީލުކުރާ ބަޔަކަށް ލިބުމަކީ ކަންބޮޑުވުމެއް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހެއްގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ. ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ މަންދޫބުންނަކީ ރައްޔިތުންގެ މަތީގައި ތިބޭ ބައެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، މިފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މަޖިލީހަށް ވަންނަ ހިސާބުން މެންބަރުގެ ނަމުގެ ކުރިއަށް ”އިއްޒަތްތެރި“ ކީ ނަމަވެސް، ދައުލަތުގެ އެންމެ މަތީ ފަނޑީގައި ތިބެ ބަސްބުނުމުގެ ބާރު ލިބެނީ ރައްޔިތުންނަށް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިގެން ވިޔަސް މިފަދަ ތަފާތުކުރުންތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރިހަމަ ޙައްޤު ރައްޔިތުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާ ފަރާތްތަކަށާއި 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ މެންބަރުންނަށް ޤާނޫނުން ބައެއް ޢިނާޔަތްތައް ލިބުމަކީ ރާއްޖޭގައި އެކަނި އޮންނަ އުސޫލެއް ނޫން ކަމަށާއި، ނަމަވެސް މިއަދު ރައްޔިތުން ކަންބޮޑުވާ އަސްލު ސަބަބު ދެނެގަންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އާދައިގެ ރައްޔިތުމީހާ ބޭސްފަރުވާއަށް އެދި އާސަންދައިގެ ކިއު ލިސްޓުގައި މަޑުކޮށްގެން، މަޖިލިސް މެންބަރުންގެ ނުވަތަ ސިޔާސީ ބޭފުޅުންގެ ފަހަތުން ދުވަންޖެހިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބަޔަކަށް ލިބޭ ހުރިހާ އިމްތިޔާޒުތަކާއި ހެލްތު އިންޝުއަރެންސްގެ ފަސޭހަތައް އާންމު ރައްޔިތުމީހާއަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަމަށް ވަކާލާތު ކުރެއްވިއެވެ.
”މީހެއްގެ މޫނަށް ކަނދުރާއަށް އެމީހެއްގެ އިސްކޮޅަށް ނުބަލާ ރައްޔިތަކަށްޓަކާ ތިމަންނާއަކީ ޚިދުމަތް ފޯރުކޮށްދޭންޖެހޭ މީހެއްކަމަށް ޤަބޫލުކޮށްގެން ޚިދުމަތް ފޯރުކޮށްދޭނަމަ މިމައްސަލައަށް ހައްލު އަންނާނެ“
މީގެއިތުރުން ދައުލަތުން ދޭ ހެލްތު އިންޝުއަރެންސް މަޖިލިސް މެންބަރަކަށް ވިޔަސް އަދި އެހެން ރައްޔިތަކަށް ވިޔަސް އެއް ހަމައަކުން ލިބެންޖެހޭނެ ކަމަށާއި، މިއީ ހަމައެކަނި ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެކަނި ނިންމެވޭނެ ކަންކަން ނޫން ކަމަށްވެސް މެންބަރު ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ނިޒާމުގެ ތެރޭގައި ޢަދުލުވެރިކަން ޤާއިމުވެ، ދައުލަތުގެ ނިޒާމު ރަނގަޅަށް ހިނގާނަމަ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

