އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133،590،265 ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މި ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 90 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ގޮތުގައި ކަނޑައަޅާފައިވަނީ 43.5 މިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން މުސާރައާއި އިނާޔަތްތަކަށް 55.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ހުޅުމާލޭގައި އަޅަމުންދާ އޮޑިޓް އޮފީހުގެ އައު އިމާރާތުގެ މަސައްކަތަށް 43.5 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ.
އަންނަ އަހަރުގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން ޖުމްލަ 394 އޮޑިޓް ހިންގުމަށް އެ އޮފީހުން ވަނީ އަމާޒު ހިފާފައެވެ.
ހިނގާ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާއެވެ. އަދި މި އަހަރު ނިމޭއިރު ބަޖެޓުން ގާތްގަނޑަކަށް 31 މިލިއަން ރުފިޔާ ބާކީވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

