ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު، ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ބިލަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އިބްތިދާއީ ބަހުސްގެ މަރުޙަލާ މިހާރު ވަނީ ފުރިހަމަކޮށްފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ، ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާއި އެޖެންސީތަކަށް ލިބިދޭ އިމްތިޔާޒުތަކާއި އުސޫލުތައް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުމެވެ. އަދި ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި، ގުޅުންތައް ހިންގުމުގައި ބިލު މާނަކުރާނެ ގޮތްތައްވެސް މި ބިލުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގެ ސަބަބުން ބޭރުގެ ކޮންސިއުލޭޓްތަކަށް ވަކި އިމެއްގެ ތެރެއިން ޙަރަކާތްތެރިވެވޭނެ މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަމަށް ބުރުނާރާނެހެން ކަންކަން ބެލެހެއްޓުމުގެ ޤާނޫނީ ބާރު ދައުލަތަށް ލިބިގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ މިޝަންތަކުގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

