އާސަންދަ ސްކީމްގެ ނިޒާމު ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުން އިންޝުއަރެންސް ޕެކޭޖެއްގެ ތެރޭގައި ހިމަނައިފިނަމަ އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި 7،225 މީހުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މެންބަރުންނަށް ލިބޭ އިންޝުއަރެންސަކީ އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ އަގުބޮޑު އިނާޔަތެއްގެ ގޮތުގައި ދައްކައިގެން، މެންބަރުންނާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަހުސްގައި އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ފާހަގަކުރެއްވީ، މެންބަރުންގެ މުސާރައާއި އިންޝުއަރެންސް އިނާޔަތްތައް ބޮޑުކުރީ އެ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް ދައުރުގައި ކަމަށެވެ. އަދި 19 ވަނަ މަޖިލީހުން މެންބަރުންގެ އާއިލާތަކަށް ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރީ ވެސް ޕީއެންސީގެ މެންބަރުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ޓިކެޓާއި އެންސްޕާގެ އެހީތައް ލިބުނު ނަމަވެސް، އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް މެންބަރުންނަށް ލިބޭ ޚިދުމަތްތައް އެއަށްވުރެ މާ ހަނި ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރުންނަކީ ގާނޫނުގައި ބަޔާންކުރާ އިނާޔަތްތައް ފިޔަވައި އެއްވެސް ޚާއްސަ އިމްތިޔާޒެއް އޮންނަ ބައެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މަޖިލީހުގެ މަސައްކަތަށް ގަޑިޖެހޭ ކޮންމެ ފަހަރަކު މުސާރައިން އުނިކުރާ ކަމަށާއި، ގިނަ ފަހަރަށް މެންބަރަކަށް މަހަކު 40 ހާސް ރުފިޔާވެސް އަތަށް ނުލިބޭ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މެންބަރުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން ނޫނީ ރައްޔިތުންގެ ހައްގުގައި ފުރިހަމައަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
”މާމޮޅެތި ވާހަކަތަކެއް ދައްކަން ވެރިކަން ހޯދަންވެގެން މިހާރު އައިސް ވަރަށް އެބަ ފުރިހަމައަށް އެބަ ވާހަކަދައްކާ، މެމްބަރުންނޭ ޓީޗަރުންނޭ ކިޔައިގެން. ބަލަ ޓީޗަރުންނަށްވެސް ދޭންވީ. މި ޤައުމުގައި އަޅުގަނޑު މިގޮވާލަނީ މި ޤައުމުގައި ތިބި ހުރިހާ ރައްޔިތުން އިންޝުއަރަންސް ޕެކޭޖުގައި ހިމަނަންވީ. އޭރުން ދިވެހި ދައުލަތަށް ލުއިވާނެ،“ ޝާހިދު ވިދާޅުވިއެވެ.
އިނާޔަތްތަކަކީ ވަކި ފަރުދަކަށް ޚާއްސަކޮށް ދެވޭ އެއްޗެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް އިންތިޚާބުވާ މެންބަރުންނަށް ގާނޫނީގޮތުން ލިބިދޭންޖެހޭ ހިމާޔަތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އާންމު ރައްޔިތުންނަށް ނުލިބޭ އިތުރު އިމްތިޔާޒެއް މެންބަރުންނަށް ލިބިގެން ނުވާނެ ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

