ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކުރުމުން ސަފީރަކު މަޤާމުން ވަކިކުރި ކަމަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަފީރުން މަޤާމަށް އައްޔަނުކުރުމާއި ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޤާނޫނީ އިޚްތިޔާރުގެ ދަށުން ހިނގާ ކަމެކެވެ. އެ ޚަބަރުގައި ބުނެފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާޖްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހު، 30 އޮކްޓޯބަރު 2024 ގައި ސަފީރެއްގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓް ބަޔާންކުރާ ގޮތުން، އެ ޚިދުމަތުގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެއެވެ. އަދި ފޮރިން ސާވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން އެއްވެސް މަޖުބޫރުކުރުމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު އަދި ސާބިތުނުވާ ދޮގު މަޢުލޫމާތު އާންމުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

