ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެތަން އަނބުރާ ވިއްކަން ޖެހޭނީ ސަރުކާރަށް އޯނާޝިޕްވެސް ބަދަލު ނުކުރެވޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އެ ތަންތަން ލިބޭނީ 99 އަހަރުގެ މުއްދަތަކަށް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ވިޔަސް އަދި މުއްދަތު ހަމަވުމަށްފަހު ވިޔަސް އެތަން އަނބުރާ ވިއްކާލަން ޖެހޭނީ ދިވެހި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

”ދަ ޕަލްސް“ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް ކަމަށެވެ. އެގޮތުން 99 އަހަރަށް އެ ޕްރޮޕަޓީތައް ދޫކުރުމަށްފަހު އެހެން ފަރާތަކަށް ނުވިއްކޭނެ ކަމަށާއި، އެ ތަންތަން އަނބުރާ ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތަކުން ވެސް ފައިދާވާނީ ސަރުކާރަށް ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އިންވެސްޓްމަންޓުގެ ތެރެއިން ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް އެ ފުރުސަތު ލިބެނީ 99 އަހަރުގެ މުއްދަތަކަށެވެ. “އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،” ރައީސް ވިދާޅުވިއެވެ.

މިއީ ދިވެހި އިގްތިސާދުގެ މިސްރާބު ބަދަލުކޮށްލާނެ، އަދި ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ މަޝްރޫއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ހަގީގީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމުގައި ފަތުރާ ތުހުމަތުތަކާ ދެމެދު ބޮޑު ތަފާތެއްވާ ކަމަށެވެ. އަދި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމުގައި ސަރުކާރުން ފުރިހަމަ ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ދެމުންދާ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މަޝްރޫއާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނުގެ ދަށުން ބޭރު މީހަކަށް ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރެވޭނީ ހަމައެކަނި ކުއްޔަށް ކަމަށެވެ. މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށް ރަސްމާލެއިން އެއްވެސް ޕްރޮޕަޓީއެއް ގަތުން ގާނޫނުން މަނާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ކަމަށާއި ދީނީ ކަންކަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސިޔާސީ ބޭފުޅުން އަޑީގައި ތިއްބަވައިގެން ރާވައިގެން ފަތުރާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރަސްމާލޭގައި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާނެ ތަންތަނާއި ސްކޫލްތައް ނުހުންނާނެ ކަމަށާއި، މުޅި ސަރަހައްދުގައި ވެސް ހިނގާނީ ދިވެހި ދައުލަތުގެ ގާނޫނުތައް ކަމުގައި ރައީސް ކަށަވަރުކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: