ރަސްމާލެ މަޝްރޫޢުގެ ދަށުން ޑިވެލޮޕަރަށް ބިން ދޫކުރަނީ ހިލޭ ނޫން ކަމަށާއި، އެޑްވާންސްގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި 5،000 ހައުސިންގ ޔުނިޓް ދައުލަތަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ދަ ޕަލްސް“ ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިފައިވާ އެހެނިހެން ކަންކަމާއެކު ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 14،000 އެއްހާ ދާއިމީ ވަޒީފާ އުފެދިގެންދާނެ ކަމަށާއި، ތަރައްޤީގެ އެކި މަރުޙަލާތަކުގައި 54،000 ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތަށް ގެއްލުންވާގޮތަށް ބިން ދޫކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ޑިވެލޮޕަރަށް ބިން ދޫކުރަނީ އެއްވެސް އަގެއް ނުނަގައި ނޫން ކަމަށެވެ. އެގޮތުން، އެޑްވާންސްގެ ގޮތުގައި ލިބޭ 5،000 ހައުސިންގ ޔުނިޓްގެ އިތުރުން، ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މިއީ އެއްވެސް ވަރަކަށް ޓެކްސް މާފުކުރެވިގެން ކުރިއަށްގެންދާ މަޝްރޫޢެއް ނޫން ކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި މަޝްރޫޢުގެ ހާމަކަން ބޮޑުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަޝްރޫޢާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، އެ ބިލު ޢާންމުކޮށް ފެންނަން އޮންނާނެ ކަމަށެވެ. ދައުލަތުން އިންވެސްޓްމަންޓެއް ނުކޮށް ހިންގާ މަޝްރޫޢަކާ ގުޅޭ މިހާ ގިނަ ތަފްޞީލުތަކެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން ހާމަކޮށްފައި ނުވާނެ ކަމަށާއި، މަޖިލީހުގެ ކޮމިޓީތަކުން މިކަންކަން ދިރާސާކޮށް، ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ޒިންމާދާރު އުޞޫލަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް، ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދާނީ ދިވެހިންގެ ދީނީ އަދި ޤައުމީ އައިޑެންޓިޓީ ފުރިހަމައަށް ޙިމާޔަތްކުރެވި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ.

