ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ގަރާރާ ގުޅުންހުރި މާއްދާގައި މިހާރު އޮންނަ ގޮތުން، ބިލަކާ ހިލާފަށް ގަރާރުގައި ދީބާޖާއެއް އެކުލެވިގެންވާން ޖެހޭއިރު، ގަރާރު ފާސްވުމުން ބިލު ތަސްދީގުކުރުމަށް އޮންނަ އުސޫލުން ތަސްދީގުކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާކަށް ނުޖެހެއެވެ.
ޢަބްދުލްޙަންނާން ހުށަހެޅުއްވި ބަދަލުގައިވަނީ، ހުށަހަޅާ ގަރާރަކީ އެ ވަގުތު ހިނގަމުންދާ ބަހުސެއްގެ މައުޟޫއާ ގުޅުންހުރި އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހަންވާނީ ބަހުސް ފެށުމުގެ ކުރިން ކަމަށާއި، ބަލައިގަންނަން ފާސްވެއްޖެނަމަ ބަހުސްކޮށް ނިމުމުން އެ ގަރާރު ކަމާގުޅޭ ދާއިމީ ކޮމިޓީއަކަށް ފޮނުވުމަށެވެ. ނަމަވެސް ގަރާރު ބަލައިގަންނަން ފާސްނުވެއްޖެނަމަ އެ ގަރާރެއް ބާތިލުވާނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި ބަދަލު ފާސްކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ.
މި އިސްލާހާ މެދު ހިޔާލު ފާޅުކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، އެ ގޮތަށް ގަވައިދު ފާސްވެއްޖެނަމަ މަޖިލީހުގައި ކުއްލި މައްސަލައަކަށް ވެސް އަދި ގަރާރަކަށް ވެސް ބަހުސްކުރުމުގެ ފުރުސަތު ކުރިން ނުލިބޭނެ ކަމަށެވެ. އަދި ބަހުސްކުރުމުގެ ފުރުސަތު ލިބޭނީ މަޖިލީހުން އެ މައްސަލައެއް ނުވަތަ ގަރާރެއް ބަލައިގަތުމުން އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަމީން ވަނީ އެ ވާހަކަތަކަށް ފަހު ކޮމިޓީގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައެވެ.
އެއަށްފަހު ޢަބްދުލްޙަންނާން ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ވޯޓަށް އެހުމުން، އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ އެ ބަދަލު ފާސްކޮށްފައެވެ.

