ދިވެހިންގެ އުފެއްދުންތެރިކަމާއި، ފަންނުވެރިކަން އަދި އައު އީޖާދުތަކަށް ޚާއްޞަކޮށްގެން ބާއްވާ ”މޯލްޑިވްސް އެކްސްޕޯ 2026″ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 25 އިން ފެށިގެން ނޮވެމްބަރު 2 ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
”ޤައުމީ އުފެއްދުންތެރިކަމުގެ މަޢުރަޒު“ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ އަތްތެރި މަސައްކަތްތަކާއި، ތަފާތު އެކި އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގައި ޤާއިމުކުރާ ދިރާގު އެކްސްޕީރިއަންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެ ސްޓޯލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްޞަ އޮފާތަކާއި ގިނަ ފައިދާތަކެއް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ހިލޭ ބައިވެރިވެވޭ ގޭމިންގ ހަރަކާތްތަކެއް މި އެކްސްޕޯގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި މަޤްބޫލު އެކި ގޭމްތަކުގެ އިތުރުން ރޭސިންގ ސިމިއުލޭޓަރާއި ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ހިމެނޭއިރު، އެކި ޗެލެންޖުތައް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

