ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން އުޅެނީ ކޮންމެވެސް ބައެއްގެ ޖީބަށް ފައިސާތަކެއް ވަދެފައި އޮތީމަ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭއިރު، ސަރުކާރުން މިހާ ބޮޑު ފޯރިއެއްގައި އެ މަޝްރޫއު ހިންގަން އުޅެނީ ކޮންމެވެސް ބައެއްގެ ޖީބަށް ފައިދާތަކެއް ލިބޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ތުހުމަތުކުރައްވައިފިއެވެ.

މީކާއިލް މިފަދައިން ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެންމެހައި އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް އޭނާ ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ. އޭނާ ވިދާޅުވީ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ކުއްލިއަކަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަ ނަމަ އެއީ މެންބަރުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއް އެބަހުރި ކަމަށެވެ.

މަޖިލީހަށް ހުށަހަޅާ ގަރާރުތަކާމެދު ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، ގަރާރަކަށް ބަހުސް ނުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން ފާޅުކުރާ ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ. އެގޮތުން އެ ގަރާރު އެޖެންޑާ ކުރުމުގެ ކުރިން ތުޅާދޫ ދާއިރާގެ މެންބަރު ގަވާއިދަށް އިސްލާހެއް ހުށަހަޅުއްވައި، މުޅި ނިޒާމަށް ބަދަލު ގެނެސް ގަރާރަށް ހުރަސްއެޅޭ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެނަށް އިނގެނީ ރަސްމާލެ މަޝްރޫއިން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭއިރު ސަރުކާރުން މިހާ ބާރުލާފައި މިހާފޯރީގައި މިކަމެއް މިކުރަނީ ކޮންމެވެސް ބައެއްގެ ޖީބަށް ފައިސާތަކެއް ވަދެފައި އޮތީމާކަން،“ މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފައިސާގެ ނުފޫޒުން ރައްޔިތުންގެ ބާރު ނުފޯރާނެ ފަދަ ގޮތަކަށް ސަރުކާރުން ސިއްރުން މިފަދަ ކަންކަން ކުރުން ކަމަށެވެ. އަދި އޫޓީއެފް އެގްރީމެންޓް ހާމަނުކޮށްގެން އުޅުނު ބަޔަކު ވެރިކަމަށް އައިސް މިފަދަ ސިއްރުވެރި ކަންކަން ކުރާތީ ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު އިއުލާނުކުރެއްވި އިރު ބޭރުގެ އެއްވެސް ބަޔަކަށް އެންމެ ވެލިފުކެއްވެސް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، މިއަދު ބޭރުގެ ކުންފުންޏަކަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް، އެތައް ފަހަރަކު މިލްކުވެރިކަން ބަދަލުކުރެވޭ ގޮތަށް ދޫކޮށްލަން ނިންމާފައިވަނީ ކޮންމެވެސް ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާތީ ކަމަށް މީކާއިލް ތަކުރާރުކޮށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: