އިދިކޮޅު އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އެއްވެސް ޕްރޮޖެކްޓެއް ހިންގޭނެ ބައެއް ނޫން ކަމަށާއި، މި ސަރުކާރުން އެތައް ބިލިއަން ޑޮލަރެއްގެ ބޮޑުބިޔަ މަޝްރޫއެއް ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ، ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލެއް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
އެ ބަހުސްގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހު ފާހަގަކުރެއްވީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވިލިމާލެއާއި މާލެއާ ދެމެދު ބްރިޖެއް އަޅަން އުޅެ، ދައުރު ނިމިގެން ދިޔައިރުވެސް އެކަން ކާމިޔާބު ނުކުރެވުނު ކަމަށެވެ.
”އެމްޑީޕީއަކީ އެއްވެސް ޕޮރޮޖެކްޓެއް ހިންގޭނެ ބައެއް ނޫން، އެއްދުވަހު ބުރިޖުގައި ތަނބެއް ޖަހައިފިއްޔާ އަނެއް ދުވަހު ނޫސްތަކުގައި އޮންނާނެ ޖެހި ތަނބު އެބަ އޮތޭ ތޮއްޓަށް އަރާފަ،“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް ބޮޑު ޕްރޮޖެކްޓެއް ނުހިންގުމުން، މި ސަރުކާރުން ބިޔަ މަޝްރޫއެއް އިއުލާނުކުރުމުން އެކަން ހަޖަމުނުވެގެން ދޮގު ފަތުރަމުންދާ ކަމަށެވެ.
ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި އިއުލާނުކުރެވުނު މަޝްރޫއު ކަމަށާއި، މަޝްރޫއުގެ އަގާއި އެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ހުރިހާ ތަފުސީލެއް ރައްޔިތުންނަށް ހާމަކޮށްދީފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ސިންގަޕޫރާއި ޑުބާއީ ފަދަ ތަންތަން ތަރައްޤީވި ގޮތާމެދު ވިސްނާލަންޖެހޭ ކަމަށާއި، ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލެ މަޝްރޫއުން ދައުލަތަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ދައުލަތް ހިންގަނީ ޓެކްސް ނިޒާމުގެ ތެރެއިން ކަމަށާއި، މިފަދަ ބޮޑު އިންވެސްޓްމަންޓެއްގެ ސަބަބުން ކޮންމެ އަހަރަކު އަދި ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ލިބިގެންދާނެ ކަމަށެވެ. އަދި އެފަދަ އިންވެސްޓްމަންޓުތަކަށް އަވަށްޓެރި ޤައުމުތައް ބޭނުންވެފައިވާކަން ފާހަގަކުރައްވައި ފަލާހު ސުވާލުކުރެއްވިއެވެ:
”އަޅުގަނޑުމެން އަބަދު ތިބެންވީތޯ މުންޑު ގަނޑަކާއި ސޯޓެއް ލައިގެން މޫދަށް އެރި ދޮށި އެއްލަން؟ އެހެންތޯ އަޅުގަނޑުމެން ދިވެހި ރައްޔިތުން އަބަދު އުޅެންވީ؟ އަވަށްޓެރި ޤައުމުތަކުން އެތިބީ މިފަދަ އިންވެސްޓުމަންޓުތަކަށް ފެންބޮވައިގެންފަ،“
ފަލާހުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް މި ސަރުކާރުން ނިންމި ނިންމުމުންވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ފައިޖައްސާލުމުގެ ފުރުސަތު ނުދެއްވާނެކަން ކަށަވަރުވާ ކަމަށެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް މި ފަސްގަނޑުން ފުރުސަތު ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫއާ އިދިކޮޅުން ދެކޮޅު ހަދާތީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

