ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް އިންތިހާއަށް އިތުރުވެ އިގުތިސާދީ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުން އަންނަ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖު 17،000 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ 15 ގެ ނިޔަލަށް އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 31.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެ މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ވަނީ 36.4 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ރާއްޖޭގެ ދަރަނީގެ ބުރަ ބޮޑުވެ، އިގުތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތުމުން ޚަރަދު ކުޑަކުރުމަށް މާލީ އިދާރާތަކާއި އިގުތިސާދީ މާހިރުން ގޮވާލަމުންދާއިރު، ސަރުކާރުގެ އިސް ވެރިންގެ އިނާޔަތްތައް މިވަނީ އިތުރުކޮށްފައެވެ.
ވަޒީރުންގެ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖުގައި މީގެ ކުރިން ހިމެނެނީ ޕެޓްރޯލް އެލަވަންސަށް 1،000 ރުފިޔާއާއި ޑްރައިވިން އެލަވަންސަށް 6،500 ރުފިޔާއާއެކު ޖުމުލަ 7،500 ރުފިޔާއެވެ. އެހެންނަމަވެސް މާލިއްޔަތު ކޮމިޓީން ގެނައި ބަދަލާއެކު ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވިން މުސާރަ 12،000 ރުފިޔާއަށް އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ހިމަނައި، ޖުމުލަ އަދަދު ވަނީ 17،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގައި މި ބަދަލު ހުށަހަޅަމުން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މުސާރަތަކަށް ގެނައި ބަދަލުތަކާއެކު މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކުގެ މުސާރަ 74،000 ރުފިޔާއަށް، އެ މުއައްސަސާތަކުގެ ރައީސުންގެ މުސާރަ 59،000 ރުފިޔާއަށް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ 91،000 ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި އެހެން ފަނޑިޔާރުންނަށް 89،000 ރުފިޔާ ލިބޭއިރު، ވަޒީރުންގެ މުސާރަ ނިސްބަތުން ކުޑަކަމަށް ފާހަގަކުރެވޭތީ މުސާރައާ ނުކުޅެ ޑްރައިވަރުންގެ އެލަވަންސް ބޮޑުކުރަން ނިންމީ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހާ ދެކޮޅަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ރާއްޖެއާއި ދުނިޔެ އޮތް ހާލަތަށް ބަލާއިރު މި ދަނޑިވަޅުގައި މިފަދަ ނިންމުމަކަށް ތާއިދުނުކުރައްވާ ކަމަށާއި، މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އިދިކޮޅުގެ މި ކަންބޮޑުވުންތަކާއެކު ވެސް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަދަލުތައް ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށް އަރައި، މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރަމުންދާއިރު އެކަށޭނަ މަސައްކަތެއް ނުކުރެވޭ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި އަބަދުވެސް އޮވެއެވެ.

