ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުން ގޮތް ނިންމާ ވާދަވެރި ނިޒާމަކަށް ވާއިރު، ގައުމަށް ގެންނަންޖެހޭ މުހިންމު އިސްލާހީ ބަދަލުތަކާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ސިޔާސީ މަސްލަހަތުން އެއްކިބާވެ ކުރިއަށް ގެންދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅެމުންދާ ގާނޫނުތަކާއި އިސްލާހުތަކަކީ ޒަމާނުއްސުރެ އިސްލާހު ނުކުރެވި ހުރި، އަދި ރާއްޖެއަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އެހެންނަމަވެސް، މި ގާނޫނުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބާރުވެރިކަން ދެމެހެއްޓުމަށް ނުވަތަ ސިޔާސީ މަންފާއަކަށް ފަރުމާކުރާ އެއްޗެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ރާއްޖޭގެ މާޒީއަށް ބަލާއިރު ފާއިތުވި ހަތަރު ރިޔާސީ އިންތިހާބުގައިވެސް ވެރިކަމުގައި ހުންނެވި އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާކަން ހަނދާންކޮށްދެއްވަމުން، ގައުމަށް އިސްލާހާއި ހެޔޮ ބަދަލު ބޭނުންވާނަމަ ނަތީޖާ ނެރެދޭ މަސައްކަތްތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ވެރިކަންކުރި ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަންތަކާއި ނާޖާއިޒު މުއްސަނދިކަމުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާއާއި މުދާ އަދިވެސް އަނބުރާ ހޯދިފައި ނުވާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ހުސައިން ޝަރީފް ވިދާޅުވިއެވެ. ހަމައެކަނި ވާހަކަދެއްކުމާއި، ހުކުރު ހުތުބާތަކުގައި އިމާމުން ދެއްވާ ނަސޭހަތުން އެކަނި މުޖުތަމައު އިސްލާހު ނުވާނެ ކަމަށާއި، އިސްލާމީ ހަޟާރަތުގައި ހަލީފާއިން އަމަލުކުރެއްވި ފަދައިން އިންސާފާއި އަދުލުވެރިކަން އަމަލީ ގޮތުން ދައުލަތުގެ ތަންފީޒީ އިދާރާތަކުން ނެރެދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މެދުގައި ބަހުސް ހިނގަމުންދާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، އެ މަޝްރޫއަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހިތްވަރާއެކު ފައްޓަވާފައިވާ، މިހާރު ބިން ހިއްކުން ނިމި އަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައި އޮތް ކާމިޔާބު މަސައްކަތެއް ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް 99 އަހަރަށް ބިން ދިނުމަކީ ރާއްޖޭގައި ކުރިންވެސް ކަންކަން ކޮށްފައިވާ އުސޫލެއް ކަމަށާއި، އޭގެ ޒާތުގައި އެއީ މައްސަލައެއް ނޫން ކަމަށް ބަޔާންކުރެއްވިއެވެ.
ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކާއި ފަޅުތަކުގެ ބޭނުން ހިފައިގެން، ދައުލަތަށާއި އަންނަން އޮތް ޖީލުތަކަށް އެންމެ ފައިދާހުރި ގޮތަކަށް ރަސްމާލޭގެ ބައެއް ބޭރުގެ އިންވެސްޓަރުންނަށް ތަރައްގީކުރަން ދިނުމަކީ ގައުމުގެ ކުރިއެރުމަށްޓަކައި އެޅޭ އެންމެ ރަނގަޅު ފިޔަވަޅު ކަމުގައި މެންބަރު ހުސައިން ޝަރީފް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

