ވިލިމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގެ ތަހުގީގު ނިމުމާ ގުޅިގެން، ހައްޔަރުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާއިރު، ހަތަރުވަނަ މީހާ ވެސް މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަސްތުވާ ތަކެއްޗާއިއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ފިލްމީ ތަރިންވެސް ހިމެއެވެ.
މި މައްސަލައިގައި މި މަހުގެ 8 ވަނަ ދުވަހު ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއިލް ޖުމައިހް އާއި، މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ.
އެ މީހުން ބަންދުން ދޫކޮށްލި ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި އެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިނަމަ އެ ގޮތަށް އަމަލުކުރާނެ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، މި މީހުން ހައްޔަރުކުރިއިރު އެ މީހުން ތިބި ކޮޓަރިން މަސްތުވާތަކެތި ފެންނަން ހުރީ ހާމައަށެވެ. އަދި އެ ތަކެތީގެ ބަރުދަން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މިންގަނޑަށް އަރައެވެ. މީގެ އިތުރުން، ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ޖުމައިހް ފިޔަވައި ދެން ތިބި ތިން މީހުންނަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑު އޮތް ބައެއް ކަމަށް ކޯޓު އަމުރުތަކުން އެނގެއެވެ.

