ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ-ކަރާޗީ ސީދާ ދަތުރުތައް ފެށުމަކީ ވިޔަފާރިއާއި ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވޭނެ ކަމެއް: ރައީސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެއާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި ”މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑެތި ފަސޭހަތަކެއް ލިބި، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.

”ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ޤާއިމުކުރެވިގެން ދިއުމަކީ އިޤްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ދަތުރުފަތުރު މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމެއް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދެ ޤައުމުގެ އެއާލައިންތަކާއި، އޭވިއޭޝަން ދާއިރާގެ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުން ގުޅިގެން ސީދާ ދަތުރުތައް ފެށުމަށާއި، ދަތުރުތައް ބާއްވާ މިންވަރު އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ގޮވާލައްވާފައެވެ.

މީގެއިތުރުން، ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ އިޤްތިސާދަށް ކަނޑުމަގުން ކުރެވޭ ދަތުރުފަތުރުގެ މުހިންމުކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށްޓަކައި ވިޔަފާރީގެ ގޮތުން ފައިދާހުރި ސީދާ ކަނޑުދަތުރުގެ މަގުތައް ހޯދުމަށް ޝިޕިންގ ކުންފުނިތަކަށާއި ބަނދަރު ބަލަހައްޓާ ފަރާތްތަކަށް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ދަތުރުތައް ފެށުމުގެ ވިސްނުން ރައީސް ހާމަކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ އިޤްތިސާދީ ގުޅުން ބަދަހިކުރުމަށާއި ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނު އިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.

މާލެއާއި ކަރާޗީއާ ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދިޔަ ނަމަވެސް، މި ދަތުރުތައް ފަށާނެ ވަކި ތާރީހެއް އަދި ޝެޑިއުލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނު ކުރެއްވީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، އޮކްޓޫބަރު 20 އިން 22 އަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: