ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމު ދެނެވަޑައިގަންނަވާ، އެކަމަކު ވެރިކަމަށް ވަޑައިގެން ނިޒާމު ގަޑުބަޑުކޮށްލައްވައިފި: އާތިފް

ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ލާމަރުކަޒީ ނިޒާމު ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މުޅި ލާމަރުކަޒީ ނިޒާމު ގަޑުބަޑުކޮށްލައްވައިފި ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މޭޔަރު އާތިފް މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުން މި ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ކުރިން އުއްމީދުކުރެއްވި ކަމަށެވެ. އެގޮތުން ކައުންސިލްތައް ހިންގުމުގައި ހުރި ދަތިތަކާއި ޤާނޫނީ ހުރަސްތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެތީ އެ ކަންކަން ފަހިކޮށްދެއްވާނެ ކަމަށް ޤަބޫލުކުރެވުނު ނަމަވެސް، ކަންވީ މުޅިން އިދިކޮޅަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ރައީސް ޑރ. މުއިއްޒުއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބޭފުޅެއް. އެކަމަކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ލާމަރުކަޒީ ނިޒާމު ގެންދެވީ ފަހަތަށް، މުޅި ނިޒާމު ގަޑުބަޑުކޮށްލެއްވީ،“ އާތިފް ވިދާޅުވިއެވެ.

އާތިފް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ލާމަރުކަޒީ ނިޒާމު ފަހަތަށް ޖައްސަވާފައިވާ ކަމަށެވެ. އަދި ނިމިދިޔަ ދައުރުގެ ފަހު އަހަރު ކަންކަން ނުކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނެސް، އަތޮޅު ކައުންސިލްތައް އުވާލައި މުޅި ނިޒާމު ގަޑުބަޑުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އޭގެ އިތުރުން މި ސަރުކާރުން ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއް ނެތް ހާލަތެއްގައި ލާމަރުކަޒީ ނިޒާމެއްވެސް ނޯންނަކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، މިހާރު ފެންނަނީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިކުރަމުންދާ މަންޒަރު ކަމަށެވެ. އަދި 2019 ވަނަ އަހަރު ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ބާރުތައް ލިބި، ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާއަކާ ހަވާލާދެއްވައި އާތިފް ވިދާޅުވީ، ރައްޔިތުންގެ 60 އިންސައްތަ މީހުން މި ނިޒާމަށް އިތުބާރުކުރާ ކަމަށާއި، ގިނަ ރައްޔިތުން އެދެނީ ތަޢުލީމާއި ޞިއްޙީ ދާއިރާ ފަދަ ޚިދުމަތްތައްވެސް ލާމަރުކަޒީ ކުރުމަށް ކަމަށެވެ. އެހެންކަމުން ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ކަނޑުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: