ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާ ކުރިޔަސް ހައްލެއް ނުލިބޭ!

އެފްޑީސީގެ އިމާރާތްތަކެއް -- ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމަކީ ކޮންމެ އިންސާނެއްގެ އަސާސީ ޙައްޤަކަށްވާއިރު، ރައްކާތެރި އަދި އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އުފާވެރި ދިރިއުޅުމެއްގެ ބިންގަލެވެ. ނަމަވެސް، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ދަށުން ބިނާކުރެވޭ ފްލެޓްތަކުގައި ދިރިއުޅެން ފަށާ ގިނަ އާއިލާތަކަކަށް މި އުފާވެރިކަން ލިބެނީ މަދު ދުވަސްކޮޅަކަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީއްސުރެ ފެންމަތިވަމުން އަންނަ މައްސަލަތަކާއި، އެ ކަންކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކުގެ އަދަދުތަކުން ހާމަވަނީ އިމާރާތްތަކުގެ ފެންވަރާއި ޚިދުމަތް ދިނުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެވެ. ހައްލެއް ހޯދުމަށް ކިތަންމެ ވަރަކަށް ޝަކުވާ ކުރި ނަމަވެސް، ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ މާޔޫސްކަން އިންތިހާއަށް އިތުރުކުރުވާ ކަމެކެވެ.

އެފްޑީސީގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ޖުމްލަ 6،917 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ބޮޑު އަދަދުން އެކަނިވެސް ދައްކުވައިދެނީ، އާ އިމާރާތްތަކަކަށް މީހުން ބަދަލުވިއިރު ހުރި އުނިކަންކަމުގެ މިންވަރެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފެން ލީކުވުމާއި، އިމާރާތުގެ މެއިންޓެނަންސް މައްސަލަތަކާއި، ލިފްޓް މެއިންޓެނަންސް އަދި އަވަށްޓެރިންގެ އަޑުގަދަވުމުގެ މައްސަލަތަކެވެ. ހާއްސަކޮށް ފެން ލީކުވުމާއި ލިފްޓުތައް ހުއްޓުން ފަދަ ކަންކަމަކީ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ހިމެނޭ އާއިލާތަކަށް އިންތިހާއަށް ދަތި އުނދަގޫ ކުރިމަތިކުރުވާ ކަންކަމެވެ.

މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި، މައުލޫމާތު އަޕްޑޭޓްކުރުމުގައި ދިމާވާ ޓެކްނިކަލް ދަތިތަކާއި، އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކުގެ ޝަކުވާތައް ވެސް ދަނީ ފުނިޖެހެމުންނެވެ.

އެފްޑީސީން ހާމަކުރާ ގޮތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 6،128 މައްސަލައެއް މިހާތަނަށް ވަނީ ހައްލުކޮށްދީފައެވެ. އަދި ބާކީ ހައްލު ނުކުރެވި ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކޯޕަރޭޝަންގެ ޓީމުތަކުން މިހާރު ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރުދާހުގައި މި އަދަދުތައް ފެންނަން އޮތީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަމަށް ވިޔަސް، ހަޤީޤަތުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކީ އަދިވެސް ހައްލު ނުލިބި ދިގުލައިގެންދާ މައްސަލަތަކަކީ އެމީހުންގެ ދިރިއުޅުމުގެ އަސާސީ ހަމަޖެހުމާ ގުޅިފައިވާ ކަންކަން ކަމުގައި ވުމެވެ. ބައެއް މައްސަލަތަކަށް ވަގުތީ ފަރުވާއެއް ދިން ނަމަވެސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ހަމަ އެ މައްސަލަ ތަކުރާރުވުމަކީ ”މައްސަލަ ހައްލުކުރެވިއްޖެ“ ކަމަށް ބުނާ ބުނުމާމެދު ސުވާލު އުފެދޭ ސަބަބެކެވެ.

އަނެއްކޮޅުން، ކޯޕަރޭޝަންގެ ފަރާތުން ޚިދުމަތްތައް ދިނުމުގައި ލަސްތަކެއް ހުރި ނަމަވެސް، ކުއްޔާއި ފައިސާ ނެގުމުގައި ހަރުކަށި އުސޫލުތައް ގެންގުޅޭ ކަމުގެ ޝަކުވާވެސް ފްލެޓްތަކުގެ ވެރިން ކުރެއެވެ.

ގަވާއިދުން ފައިސާ ނުދައްކާ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލުކޮށް، މި މަހުގެ 14 ވަނަ ދުވަހު އެ ދެ ޔުނިޓު ހުސްކުރަން އެފްޑީސީން ވަނީ އަންގައިފައެވެ. ގަވާއިދުން ފައިސާ ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވިޔަސް، އިމާރާތުގެ ފެންވަރު ދަށްވެ އަސާސީ މެއިންޓެނަންސް މައްސަލަތައް ހައްލުނުވެ ހުންނަ ދަނޑިވަޅެއްގައި، އެފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުން ޢާންމުންގެ މެދުގައި އުފެދެނީ ނުތަނަވަސްކަމެވެ. ރައްޔިތުން އުފައްދާ ސުވާލަކީ، ފައިސާ ނުދެއްކުމުން އަވަސް ފިޔަވަޅު އަޅާ ފަދައިން، ރައްޔިތުން ކުރާ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގައި މިފަދަ އަވަސްމިނެއް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟

އިޖުތިމާޢީ ބޯހިޔާވަހިކަމަކީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް އަޅައި ރައްޔިތުން ބައިތިއްބާލުމެއް ނޫނެވެ؛ އެއީ އިންސާނިއްޔަތުކަމާއި އަޅާލުމާއި ރައްކާތެރިކަން އެކުލެވޭ ވެއްޓެއް ޤާއިމުކުރުމެވެ. މިހާރު ފެންމަތިވަމުންދާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކޮންޓްރެކްޓަރުންގެ ފެންވަރު ބަލައި، ޑިފެކްޓްސް ލައިބިލިޓީ މުއްދަތުގައި ހުރިހާ މައްސަލައެއް ފުރިހަމައަށް ރަނގަޅުކުރުމަށް މަޖުބޫރުކުރަންޖެހެއެވެ.

މީގެ އިތުރުން ކަސްޓަމާ ސަރވިސްގެ ނިޒާމު ހަރުދަނާކޮށް، ޝަކުވާ ހުށަހެޅުމުން އެކަމުގެ އަސްލު މައްސަލަ ބަލައި ދާއިމީ ހައްލެއް ހޯދައިދެވޭނެ އިންތިޒާމެއް ހަމަޖެހެންޖެހެއެވެ. ހަމައެކަނި ޕޯޓަލްއަކަށް މައްސަލަ ވައްދައި ސްޓޭޓަސް ”ކްލޯޒްޑް“ ކޮށްލުމަކުން ހަޤީޤީ ހައްލެއް ނުލިބޭނެއެވެ.

އިޖުތިމާޢީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެކެވެ. ރައްޔިތުން އެދެނީ އެތައް އަހަރެއްގެ އިންތިޒާރަށްފަހު ލިބުނު ބޯހިޔާވަހިކަމުގައި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ މާޙައުލެކެވެ. އެހެންކަމުން، މައްސަލަތައް ހައްލުކުރުމުގެ ވާހަކަ ހަމައެކަނި ތަފާސްހިސާބުތަކުން ދެއްކުމުގެ ބަދަލުގައި، ޢަމަލީ ގޮތުން އެކަމުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ގޮތަށް ޚިދުމަތްތައް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: