ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން އިޢުލާންކޮށްފި

ޒަކާތު ކޮންފަރެންސްގެ 3 ވަނަ ސެޝަންގެ ޕެނަލިސްޓުން. ފޮޓޯ: ޒަކާތު ހައުސް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ތިންވަނަ ސެޝަންގެ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާނުކޮށްފިއެވެ.

’ދިވެހިރާއްޖޭގެ ޙާލަތާއި ދުނިޔޭގެ އައު އީޖާދުތައް: މާލީ ގޮތުން ފުދުންތެރިކުރުވުމުގެ ކާމިޔާބު ޕުރޮގުރާމުތައް އިތުރަށް ތަރައްޤީކޮށް ޢާންމުކުރުން‘ މި ނަމުގައި ކުރިއަށްގެންދާނެ ސެޝަނުގައި، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބާރުވެރިކުރުވުމަށާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ޢަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޒަކާތުގެ ދާއިރާގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދާއިރާއާއި އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ މަންދޫބުން އެއްތަންވާނެއެވެ.

އެގޮތުން މި ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާ (އެލް.ޒެޑް.އެން.ކޭ)ގެ ޑެޕިއުޓީ ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ ޔޫސުފް ބިން އަޙްމަދާއި، ޚިދުމަތް ޖަމްޢިއްޔާގެ ބާނީ އަދި އިންސާނީ ޚިދުމަތްތެރިޔާ ޢަބްދުއްސަމީޢު އަޙްމަދާއި، ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ބީ.އެމް.އެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖީ ވަލީދާ ޢަބްދުއްރަޙްމާން އަދި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހްރާ މުޙައްމަދެވެ.

މި މަޝްވަރާ ސެޝަންގެ މޮޑަރޭޓަރަކީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢިނާޔާ މޫސާއެވެ.

ޒަކާތާ ބެހޭ ރަސްމީ އިދާރާތަކާއި، އިންސާނީ އެހީތެރިކަމުގެ ހަރަކާތްތަކާއި، އިސްލާމިކް ބޭންކިންގ އަދި ހުނަރު ތަރައްޤީކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަންކޮށްދޭނެ މި ސެޝަނުގައި، މުޖުތަމަޢު ބިނާކުރުމަށް ހިންގާފައިވާ ކާމިޔާބު މަސައްކަތްތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާތަކުގެ އަލީގައި، މާލީ ގޮތުން ބާރުވެރިކުރުވުމަށް އެންމެ އެދެވޭ ގޮތްތައް ދެނެގަތުމަށް މަޝްވަރާކުރާނެއެވެ.

މީގެއިތުރުން، ހަމައެކަނި ވަގުތީ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، މާލީ މިނިވަންކަން ހޯދައި، އިޤްތިޞާދުގައި ފުރިހަމައަށް ޙިއްޞާވެވޭނެ ފަދަ ދެމެހެއްޓެނިވި ޙައްލުތަކަކަށް ވާސިލުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި މަޝްވަރާގައި އަލިއަޅުވާލާނެއެވެ. އަދި ޢަމަލީ ތަޖުރިބާތަކާއި އައު އީޖާދީ ގޮތްތައް ޙިއްޞާކޮށް، ކާމިޔާބު މަސައްކަތްތައް އިތުރަށް ފުޅާކޮށް ދިވެހި މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތަށް އެކަންކަން ބައްޓަންކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރާނެއެވެ.

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހު، ހެނދުނު 8:30 އިން ހަވީރު 7:00 އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: