ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމުތައް ވެރިފައިކުރުމުގެ މަރުހަލާ ނިންމައި، ފޯމުތަކަށް ލިބިފައިވާ ޕޮއިންޓު ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ތުޅާދޫގައި ގާއިމުކޮށްފައިވާ މި ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތާ ގުޅިގެން ހުށަހެޅުނު އެންމެހައި ފޯމުތައް މިހާރު ވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ޗެކްކޮށް ވެރިފައިކޮށް ނިމިފައެވެ.
ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފޯމު ހުށަހެޅި ކޮންމެ ފަރާތަކަށްވެސް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެ ފަރާތެއްގެ އެކައުންޓަށް ލޮގިންވުމުން، ހުށަހެޅި ފޯމަށް ޕޮއިންޓު ލިބިފައިވާ ތަފްސީލު މިހާރު ފެންނަން ހުންނާނެއެވެ.
ފޯމުތަކަށް ޕޮއިންޓު ދީފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ނުވަތަ އިތުރު ކަންބޮޑުވުމެއް އޮތްނަމަ، އެކަމެއް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގައި އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތަކަކީ:
- ހުށަހަޅާނެ ވަސީލަތް: ޝަކުވާ ބަލައިގަންނާނީ ހަމައެކަނި ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް.
- ސުންގަޑި: 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން.
- އިތުރު ޝަރުތު: ހިޔާވެހި ޕޯޓަލް ނޫން އެހެން އެއްވެސް ވަސީލަތަކުން ފޮނުވާ ޝަކުވާ އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ލިބޭ ޝަކުވާތައް ބަލައިނުގަނެވޭނެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004900 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ އެދިފައެވެ.

