ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިލެކްޓްރީނިކް ނިޒާމެއްގެ ތެރެއިން އާންމުންނަށް ހިޔާލު ހުށަހެށޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ޔޫއެންޑީޕީއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ އެ ނިޒާމުންދާ އެ ނިޒާމާއި ގުޅޭގޮތުން މައުލޫމާތު ސެޝަނެއް ބާއްވަން ވެސް ވަނީ ނިންމާފައިވެއެވެ. އެ ސެޝަން ބާއްވާނީ ނޮވެމްބަރު 5ގައި ހަވީރު 3:30 ގައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން މިހާރު ވެސް ހުޅުވައިލައެވެ. ނަމަވެސް، އެކަން ކުރަން އޮންނަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިނަމަ އެކަން ހާމަކުރަނީ އެ އިދާރާގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކާއި ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތް ވެސް ހަދައިފަ އެވެ. އެ ބަދަލާއެކު ރައްޔިތުންގެ މަޖިލީހަށް ވަރަށް ގިނަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުން ދަނީ ޕެޓިޝަން ހުށަހަޅަމުންނެވެ.

