އައްޑޫ ލިންކް ރޯޑް މައްސައްކަތް ނުފެށި ލަސްވުމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ”ބެރިކޭޑް“ ނަމުގައި މުޒާހަރާއެއް ކޮށްފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ލިންކުރޯޑު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ސަރުކާރުގެ ކުންފުނި އާރުޑީސީއާ ހަވާލުކުރިއެވެ. ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރުމަށް، އާރްޑީސީ އަތުން ނަގައި ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ.
އެހެންނަމަވެސް މަގުގެ މަސައްކަތް ލަސްވުމާއިއެކު ރައްޔިތުންނާއި ސިޓީ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެ އިހުތިޖާޖުގައި ލިންކުރޯޑުގެ އަމަލީ މަސައްކަތް ވީހާ ވެސް އަވަހަށް ފަށައިދިނުމަށް ޒުވާނުން ވަނީ ގޮވާލާފައެވެ. އަދި ޒިންމާ އަދާނުކުރެވޭނަމަ ރައީސާއި ދާއިރާގެ ޕީއެންސީ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮޮވާލަމުންދިޔައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިހުތިޖާޖުގެ ވީޑިއޯތަކުގައި، ލިންކްރޯޑުގައި ދުއްވުމުން އުނަގަނޑާއި މައިބަދަ ”ބިނދިއްޖެ“ ކަމަށާއި، އަގު ބޮޑު އުޅަނދުތައް ހަލާކުވެެއްޖެ ކަމަށް މީހުން ބުނަމުންދެއެވެ. އަދި ސަރުކާރުން އެ މީހުން ދައްްކާ ވާހަކަ އަޑުނާހާ ކަމަށާއި، ކޮންމެ އަހަރަކު ވެސް ލިންކްރޯޑު ހެދުމަށް ބަޖެޓުގައި ޖެހި ނަމަވެސް އެ މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
މީގެ އިތުރުން ލިންކްރޯޑަކީ އައްޑޫގެ އިގުތިސާދާ ގުޅިފައިވާ މަގެއްކަން ފާހަގަކޮށް، ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީން ދަތުރުކުރުމަށް އޮންނަ އެ ލިންކުރޯޑުގައި މިހާރު 20 ކިލޯމީޓަރަށްވުރެ ބާރަށް ނުދުއްވޭކަމަށް މުޒާހަރާގެ ބައިވެރީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ގަޑިއަށް ޑިއުޓީތަކަށް އަރަންޖެހޭ މީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވެސް އިހުތިޖާޖުގެ ބައިވެރީން ވަނީ އަޑުއުފުލާފައެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަންގަށް މީގެކުރިން ވިދާޅުވީ ލިންކްރޯޑުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށާއި، އެތަން ތަރައްގީކުރެވޭނެ ވަރުގެ ބަޖެޓު ކައުންސިލްގައި ނެތް ކަމަށެވެ.
މަގުގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވުމުން އާންމުންގެ ފަރާތުން ކައުންސިލަށާއި ސޯޝަލް މީޑިއާގައި ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި މި މަސައްކަތް ފެށޭނެ ކަމުގެ އުންމީދެއް ނެތް ކަމަށާއި، އަންނަ އަހަރު ވެސް މިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، މި ހާލަތު މިގޮތަށް ދެމިގެންދާނަމަ ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ނިޒާރު ފާޅުކުރެއްވިއެވެ.

