ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްއެސްޑަބްލިޔު ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިޔު) ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށް، އުޅަނދުފަހަރުގައި އިންޖީނު އެޅުމަށްވެސް ފައިނޭންސް ދޫކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މި ފައިނޭންސިންގ ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލް.އެލް.އެފް) ގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މީގެ ކުރިން މި ފެސިލިޓީގެ ދަށުން މާލީ އެހީތެރިކަން ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމް ހަރުކުރުމަށާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ގާއިމުކުރުމަށް އެކަންޏެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މަސްވެރި އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި ބާ އިންޖީނުތައް ބަދަލުކުރުމަށްވެސް މި ފެސިލިޓީގެ ދަށުން ލުއި ގޮތެއްގައި ފައިނޭންސް ދޫކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ މި ފެސިލިޓީ ހަމަޖައްސައިދެނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހުގެ ދިގު މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ.

މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށްދީ، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާއިރު ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އޮޑިވެރިންނަށް ފަސޭހަކަމާއެކު ހޯދައިދިނުމެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށްޓަކައި ދުރު ރަށްރަށަށް ދަތުރުކުރަން ޖެހުމާއި، އެކަމަށް ހިނގާ ބޮޑު ޚަރަދު ކަމަށެވެ.

ދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމްތައް ޤާއިމުކުރުމުން އެއްގަމުގައި ހުންނަ އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވުމުން ތެލަށް ކުރާ ހޭދަ ސަލާމަތްވެ، އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްޤީވުމުން މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ މުޅި މަސްވެރިކަމުގެ ޞިނާޢަތަށް ގެނެވޭ އިންޤިލާބީ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްވެރިކަން ކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބޭ އަގުހުރި ރަނުގެ ފުރުޞަތެއް ކަމަށެވެ.

”އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ އެހީއާ އެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ޤާއިމުކުރުމުގެ ފުރުޞަތު ލިބިގެންދާނެ. މި ފައިނޭންސިންގ އަކީ މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ،“ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ފެސިލިޓީގެ ސަބަބުން ލިބޭ ހެޔޮ މަންފާ ހަމައެކަނި އޮޑިވެރިންނަށް އެކަންޏެއް ނޫނެވެ؛ މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމާ ގުޅިފައިވާ ވިޔަފާރިތަކުގެ އިތުރުން ރަށްރަށުގެ އިޤްތިޞާދަށްވެސް މީގެ އެދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: