ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން 278 މިލިއަން ރުފިޔާގެ ’އާރުވެރި‘ މެޗިންގ ގްރާންޓަށް ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ ”އާރުވެރި“ މެޗިންގ ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ ”ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ ޕްރޮޖެކްޓްގެ ދަށުން ހިންގާ ހާއްސަ ސްކީމެކެވެ. މި ސްކީމަށް ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ކަނޑައެޅިފައިވާ ހަތް ދާއިރާގެ ތެރެއިން މިހާރު ފުރުސަތު ހުޅުވާލާފައިވަނީ ފަސް ދާއިރާއަކަށެވެ. މީގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތެރިކަން އިތުރުކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމެވެ. އަދި އަންހެނުންނާއި ޒުވާނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވައި، ވަޒީފާއާއި ވިޔަފާރީގެ އާ ދޮރުތައް ހުޅުވައިދިނުމަކީ ވެސް މި ސްކީމްގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ފިޔަވަހީގައި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ފަސް ދާއިރާއަކީ:

  1. ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް: މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އަދި ހަކަތަ ސަމަކާރުކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ދެވޭ ފައިނޭންސިންގެކެވެ.
  2. ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (ދަނޑުވެރިކަން): ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމްރާނީ ތަރައްގީއަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިންގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ޒަމާނީ ނިޒާމުތައް ގާއިމުކުރުމަށް ދޫކުރާ އެހީއެކެވެ.
  3. މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް: ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާއިން އަލަށް ފަށައިގަންނަ ފަރާތްތަކަށާއި، މިހާރުވެސް އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް ހާއްސަކުރެވިފައިވާ ބައެކެވެ.
  4. ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް (މަސް ޕްރޮސެސްކުރުން): މަހުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް ބާރުވެރިކޮށްދޭ މަޝްރޫއުތައް ހިންގުމަށް ފޯރުކޮށްދޭ މާލީ އެހީއެކެވެ.
  5. އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި (ވެލިއު-އެޑެޑް) އުފެއްދުންތައް އުފެއްދުމަށާއި ވިޔަފާރި ސިންދަފާތު ކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް ދެވޭ އެހީއެކެވެ. މި ދާއިރާއިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދެވޭނެއެވެ.

މި ގްރާންޓަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އޮންނަ ހާއްސަ ޕޯޓަލް (https://aaruveri.fishagriocean.gov.mv/) މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި މިންގަނޑުތައް އެ ޕޯޓަލުން ބަލައިލެވެން ހުންނާނެއެވެ. އަދި މި ސްކީމަށް ކުރިމަތިލާ ފަރާތްތަކަކީ އެކަމުގެ ގާބިލުކަން ހުރި ފަރާތްތަކެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޕޯޓަލްގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

މި ސްކީމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލުކުރެވޭނެ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: