ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އާމްދަނީ 33.36 ބިލިއަން ރުފިޔާއަށް އަރައިފި: ޚަރަދުތައް ބޮޑުވެ ޑެފިސިޓް 3.85 ބިލިއަނުގައި

ފިނޭންސް މިނިސްޓްރީ އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ. ނަމަވެސް ސަބްސިޑީ އާއި ހިންގުމުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ދައުލަތުގެ މާލީ ޑެފިސިޓް ވަނީ 3.85 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިކަން ހާމަވެފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުންނެވެ.

މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 31.60 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ އަހަރަށްވުރެ 1.76 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 9.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 8.87 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 5.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އާމްދަނީ ލިބުނު އެހެނިހެން މުހިންމު ދާއިރާތަކަށް ބަލާއިރު:

  • ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް: 21.8 އިންސައްތައިގެ ކުރިއެރުމަކާއެކު 5.97 ބިލިއަން ރުފިޔާ.
  • އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ): 4.46 ބިލިއަން ރުފިޔާ.
  • އިމްޕޯޓް ޑިއުޓީ: 11.0 އިންސައްތައިގެ ކުރިއެރުމަކާއެކު 2.82 ބިލިއަން ރުފިޔާ.

ޓެކްސް ނޫން އާމްދަނީގެ ބައިތަކަށް ބަލާއިރު، ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައެވެ.

ޖުމްލަ ޚަރަދު 37.21 ބިލިއަނަށް: ހިންގުމުގެ ޚަރަދު އުފުލިފައި

އާމްދަނީއަށް ކުރިއެރުން ލިބުނު ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރިޕޯޓުގައިވާ ގޮތުން 22 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 32.00 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް އާއި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަދި ޕެންޝަނަށް ކުރި ޚަރަދު ވަނީ 12.05 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އަތޮޅުތަކުގެ ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާ ހޭދަވެފައިވާކަން ފާހަގަކުރެވެއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކުންނެވެ. މި ދާއިރާއަށް ކުރި ޚަރަދު 89.7 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އިމާރާތްތަކާއި ބިމާ ގުޅޭ މަޝްރޫޢުތަކަށް ކުރި ޚަރަދު ވަނީ 1.69 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ ބަޖެޓަށް މި ދުވަސްވަރު އެންމެ ބޮޑު ލޮޅުމެއް އަރާފައިވަނީ މެދުއިރުމަތީގެ މަސްރަޙުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން، ސަރުކާރުން ތެލަށް ދޭ ސަބްސިޑީ ހިމެނޭހެން، ޖުމްލަ ސަބްސިޑީގެ ޚަރަދު ވަނީ 58.6 އިންސައްތައިން އުފުލިފައެވެ. އެއާއެކު ސަބްސިޑީއަށް ކުރި ހޭދަ މިހާރު ވަނީ 4.31 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތުގެ ޤައުމީ ނިޒާމު، އާސަންދައިގެ ޚަރަދުތައް ވެސް ވަނީ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން އޮކްޓޫބަރު 22 ގެ ނިޔަލަށް އާސަންދައަށް ކުރި ޚަރަދު ވަނީ 1.94 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތުގެ ރިކަރަންޓް ޚަރަދު މަތިވުމުގައި ބޮޑު ދައުރެއް އަދާކުރި ކަންކަމެވެ.

މާލީ ހާލަތު: ޑެފިސިޓް 3.85 ބިލިއަނުގައި

މި މުއްދަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސް ހުރީ 0.27 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. ނަމަވެސް ޖުމްލަ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުތަނުން މައްޗަށް ދިއުމާ ގުޅިގެން، ޖުމްލަ ފިސްކަލް ޑެފިސިޓް ވަނީ 3.85 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމާއި ސަބްސިޑީ އަދި ހިންގުމުގެ ޚަރަދުތައް މަތިވަމުން ދިއުމަކީ އަހަރުގެ ބާކީ އޮތް މުއްދަތުގައި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް މާލީ މާހިރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: