ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް މިއަދު އެކުލަވާލައްވައިފިއެވެ.
މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގައްޔާއި އަދި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށް ޓަކައި، ”ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް“ގެ ނަމުގައި މިއަދު އުފެއްދެވި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
1. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން، މއ.އާނުވެލި
2. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް، މ.ސިލްވަރކްލައުޑް
3. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ
4. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު، މ.ލޮނުވެލި
5. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ހ.ރާޅާހާ
6. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ލަޠީފު، މއ.ކިނބި
7. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ހ.މީރުބަހުރުގޭއާގެ
8. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ، މ.މަޚްމާވިލާ
9. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަސީމް، ހ.ހިކިފިނިފެންމާގެ
10. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު، މއ.ވިލުވެލި
11. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު، އަލިމަސްގެ، ހއ.އުތީމު
12. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު، މއ.ކަށިމާ
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ހާއްސަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އިއުލާންކުރައްވާފައެވެ.
އޭގެ އިތުރުން، އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާއި އިލްމުވެރިންގެ މައްޗަށް އެކުލެވޭ ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވާލާނެ ކަމަށާއި އެ މަޖިލީހުގައި 100 އާއި 150 އާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

