ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫޢާއި، ނަރުދަމާގެ މަޝްރޫޢާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި ނައިބު ރައީސް ފައިޞަލް ނަޞީމް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި، ފުވައްމުލަކު ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، އެ ސިޓީގެ މޭޔަރާއި، މަގު ހެދުމުގެ ޕްރޮޖެކްޓްގައި ހިމެނޭ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސްވަނީ، ފުވައްމުލަކު ސިޓީގައި ހިނގަމުންދާ މި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވަވާފައެވެ.
މި ގޮތުން ނައިބު ރައީސްވަނީ، ރައްޔިތުންނަށް ވީހާވެސް ކައިރި މުސްތަޤުބަލެއްގައި، ފަސޭހަވެގެންދާނެފަދަ ގޮތަކަށް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށްގެންދާއިރު ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދެއްވުމަށް ވެސް ނައިބު ރައީސްވަނީ އެ ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންވަނީ، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، އެ ދަތިތައް ހައްލުކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ނައިބު ރައީސްއާއި މަޝްވަރާކުރައްވާފައެވެ.
ހަމައެއާއެކު އެ ބޭފުޅުންވަނީ، މަޝްރޫޢުތައް ކުރިއަށްގެންދަން ނިންމަވާފައިވާ ޕްލޭންގެ ޕްރެޒެންޓޭޝަނެއް ވެސް ނައިބު ރައީސްއާއި ހިއްސާ ކުރައްވާފައެވެ.

