ލޮކްޑައުންއަށް ދީފައިވާ ލުއިތަކުގެ ދަށުން ފުލުހުންނަށް ވެސް އެކި ހުއްދަތައް ދޫކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާއިރު، ހުރިހާ ކަމެއް ވެސް ރަނގަޅަށް މެނޭޖުކުރެވިގެން ހުއްދަތަކަށް އެދޭ ފަރާތްތަކަށް އެ ބޭނުންވާ ފާސްތައް ދޫކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ވިޔަފާރީގެ ޕާމިޓުތައް ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބެކްލޮގްގައި ހުރި ޕާމިޓުތައް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން 1،380 އާ ވިޔަފާރިއަކަށް ހުއްދަ ދޫކޮށްފައިވާއިރު ސަޕޯޓް ޕާމިޓްސްގެ ގޮތުގައި 3،534 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ. އަދި ޑެލިވަރީގެ ގޮތުގައި 9،739 ހުއްދައެއް ދޫކޮށްފައިވާކަމަށާއި އަދި ޖުމްލަކޮށް ސަޕޯޓުގެ ގޮތުގައި 12،780 ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.
ނަވީން ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހުން ބޭރަށް ނިކުތުމަށް ހުއްދައަށް އެދުނު މީހުންގެ ތެރެއިން 944 މީހަކަށް ފާސް ދޫކުރި ކަމަށެވެ. އުމުރުން ދުވަސް ވީ ފަރާތްތަކަށް ހުއްދަތަށް ދޫކުރަނީ އެހީތެރިއަކާއި އެކު ތިން ގަޑިއިރަށެވެ. އަދި އެ ހުއްދައިގެ ދަށުން ފަތިހުގެ 05:00 އިން ފެށިގެން ހެނދުނު 08:00 ޖެހުމާއި ހަމައަށް އުމުރުން ދުވަސް ވީ ފަރާތްތަކަށް ބޭރުގައި ވަގުތު ހޭދަ ކުރެވޭނެއެވެ.
މީގެ އިތުރުން ނަވީން ވިދާޅުވީ، ސުޕަމާޓުތަކާއި ހޯލްސޭލްތަކަށް ފާސްތައް ދޫކުރަމުން ދާއިރު، ކުދި ފިހާރަތަކަށް 03 ޑެލިވަރީސް ފާސް، އަދި ސަޕޯޓް ސްޓާފުންނަށް 02 ހުއްދައާއި، 02 ވެހިކަލް ހުއްދަ ދޫކުރާ ކަމަށެވެ. ސުޕަމާޓުތަކަށް ހުއްދަ ދޫކުރާއިރު 06 ޑެލިވަރީ ފާހާއި، 06 ސަޕޯޓް ސްޓާފުންގެ ފާސް، އަދި 06 ވެހިކަލްއަކަށް ހުއްދަ ދެވޭ ކަމަށެވެ. ނަވީން ވިދާޅުވީ ހޯލްސޭލްތަކަށް ހުއްދަތައް ދޫކުރަމުން ދަނީ، އެތަނެއްގެ ކެޕޭސިޓީއަށް ބެލުމަށްފަހު ކަމަށެވެ. ބައެއް ފާހަގަކުރެވޭ ކުންފުނިތަކެއް ހުރުމާއި އެކު ފާސްތައް ދޫކުރަމުން ދަނީ އެދުވަހެއްގެ ޑެލިވަރީއަށް ބޭނުންވާ މިންވަރަކަށް ކަމުގައި ނަވީން ފާހަގަކުރެއްވިއެވެ.
ނަވީން ވިދާޅުވީ ބޮޑެތި ކުންފުނިތަކުން މާލޭގެ އެކި ސަރަހައްދުތަކަށް މުދާ ގެންދާ ކަމަށާއި، އަދި ރަށްތަކަށް ވެސް ފޮނުވުމުގެ މަސައްކަތްތައް ކުރާއިރު އެ ކުންފުނިތަކުގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ހުއްދަތައް ދޫކުރެވޭ ކަމަށެވެ.

