ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ މަދުކޮށްގެންވެސް ނުވޭ، ވަޒީފާ ދީގެންވެސް ނުވޭ؛ ކޮންމެވެސް އެއްގޮތެއް ނިންމަންޖެހޭ: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ވަޒީފާތަކަށް މީހުން ނަގަމުންދަނީ ކޮންމެހެން ބޭނުންވާކަން ވަކިވަކިން ބަލައި ޔަގީންކުރުމަށްފަހު ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބެޖެޓުގެ މަސައްކަތަށް ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ”ޑައުންސައިޒް“ ކުރާ ވާހަކައަކީ މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ ވާހަކައެއްކަމަށް ބުނެފަ އެވެ. ނަމަވެސް، ގެޒެޓުން އަދިވެސް ފެންނަނީ ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާނު ކުރަމުންދާ މަންޒަރު ކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ހިނގަނީ ރިކަރަންޓް ހަރަދަށްކަމަށް ބުންޏެވެ.

މީގެއިތުރުން، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާނެ ފައިސާ ނެތްއިރު، މިނިވަން މުއައްސަސާތަކަށް ޕްރޮޑަކްޓިވް މަސައްކަތެއް ކުރާނެ ބަޖެޓު ނެތި، ހަމައެކަނި މުސާރައާއި ކުލި ދެއްކުމަށް ވެލްފެއާ އުސޫލުން ފައިސާ ދެމުންދާކަމަށް ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ފައިދާއެއް ނުވާ ކުންފުނިތަކަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަހާ ސަބަބަށް ސުވާލު އުފެއްދި އެވެ.

މެންބަރުގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރުމާއި ވަޒީފާތަކާ މެދު މީހުން ބޭނުންވާ ގޮތެއް ސާފުނުވާ ކަމަށެވެ. މީހުން ވަޒީފާއިން ވަކިކޮށްގެންވެސް ނުވާކަމަށާއި، ވަޒީފާ ދީގެންވެސް ނުވާ ކަމަށް ބުނާއިރު، ކޮންމެވެސް އެއްގޮތަކަށް ސިޔާސަތު ބައްޓަންކުރަން ޖެހޭކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، މިހާރު ދައުލަތުގެ އެއްވެސް އިދާރާއަކުން ވަޒީފާއަކަށް އިއުލާނު ކުރެވެނީ އެ އޭޖެންސީއަކަށް އެ ވަޒީފާ ކޮންމެހެން މުހިންމުކަން ވަކިވަކިން ބަލައި، ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގައި މިހާރު ތިބި ވަޒީފާތައް މަދުކުރާނެ ވާހަކަ ދަންނަވާފައި ނުވާނެ ކަމަށާއި، މިހާރު ދުނިޔެ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު އިދާރާތަކުގެ މަސައްކަތުގެ ދުވެލި އަދި އެފިޝަންސީ އިތުރުކުރަންވީ މީހުން ގިނަކޮށްގެން ނޫންކަމަށް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މިސާލު ނަންގަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ވާނީ ޓެކްނޮލޮޖީ އާއި އޮޓޮމޭޝަންގެ އެހީގައި ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ”މޯލްޑިވްސް 2.0“ ގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އޮޓޮމޭޝަން ޕްރޮސެސްއަކަށް ގެނައުންކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވަޒީފާގައި ހުރި މީހަކު ވަކިކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަމަށާއި، މީގެ ކުރިން މަޖިލީހުގައި ވެސް އެ ވާހަކަ ދަންނަވާފައި ވާނެ ކަމަށެވެ. ދައުލަތުގެ ވަޒީފާއެއްގައި ހުންނަ ކޮންމެ ދިވެއްސަކީ ވެސް އާއިލާއެއް ބަލަހައްޓަމުންދާ މީހެއްކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، އެ މީހަކީ ދިވެހި ދަރިއަކަށް، މަންމައަކަށް ނުވަތަ ބައްޕައަކަށް ވާއިރު، އެ ފަރާތްތަކުގެ ހައްގުތައް ސަރުކާރުން ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަޒީފާއިން މީހަކު ވަކިކުރިޔަސް ނުވަތަ ރިޑަންޑަންޓް ކުރިޔަސް ކުރަންވާނީ އެ މީހެއްގެ ހައްގުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މިފަދަ ކަންކަމުގައި މުވައްޒަފުންގެ ހައްގުތައް ގެއްލިގެން ނުދާނެހެން ކަންކަން ކުރުމަށް ސަރުކާރުން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދީ، އެ ކަންކަން ގާތުން ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ދޭނީ ހަމައެކަނި ”ކެޕިޓަލް އިންޖެކްޝަން“ ނުވަތަ ކެޕިޓަލް ޚަރަދުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހިއްސާ އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެސްއޯއީތަކުގެ ހަރަދުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ކުންފުނިތަކަށް ދޭނީ ހަމައެކަނި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާ ބައި އެކަނި ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯ އަދި އެމްޓީސީސީ ފަދަ ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މުވައްޒަފުންގެ މުސާރައާއި އިދާރީ ޚަރަދުތަކަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ ތެރޭގައި ސީދާ ހިމެނޭނެ ހަރަދުތަކެއް ނޫނެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނު ބައްޓަންވެފައި އޮންނަ ގޮތުން ވެސް، ސަރުކާރުގެ ރަސްމީ ހަރަދުތަކުގެ ތެރޭގައި މިފަދަ ކުންފުނިތަކުގެ ދުވަހުދަންޏާ ޚަރަދުތައް ނުހިމެނޭނެ ކަމަށާއި، ބަޖެޓުގައި ހިމެނޭނީ ސަރުކާރުން އެ ކުންފުންޏަކަށް ދޭން ކަނޑައަޅާ ކޮންޓްރިބިއުޝަން އެކަނިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ހިންގުމުގެ އެހެނިހެން ހަރަދުތައް ހަމަޖައްސަން ޖެހޭނީ އެ ކުންފުންޏަކުން ހިންގާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކުން ލިބޭ އާމްދަނީގެ ތެރެއިން އަމިއްލައަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: