ރާއްޖޭގެ ތިން ސަރަހައްދަކަށް ސިއްހަތަށް ނުރައްކާތެރިވާ މިންވަރަށް ވައި ނުސާފުވެފައިވާކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވައި ނުސާފު މިންވަރު ބަލާ ”އައިކިއު އެއާ“ އެޕްލިކޭޝަނުން ދައްކައިފިއެވެ.
”އައިކިއު އެއާ“އިން ދައްކާ ގޮތުގައި، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވުމުގެ ސަބަބުން މިހާތަނަށް ރާއްޖޭގެ ތިން ސަރަހައްދަކަށް ވައިގެ ރަތް ސަމާލު ނެރެފައިވެއެވެ. އޭގެ ތެރޭގައި، ހިމެނެނީ ވެރިރަށް މާލެ އާއި ވިިލިމާލެ، ށ. ފުނަދޫ އަދި ކުޅުދުއްފުށި ސިޓީއެވެ.
މިއަދުގެ މިހާހިސާބަށް ބަލައިލާއިރު، ކުޅުދުއްފުށީގެ އެއާ ކޮލިޓީ އިންޑެކްސް ނުވަތަ ވައިގެ ނުސާފު މިންވަރު ހުރީ 168ގައި އެވެ. މިއީ އެންމެ ވައި ނުސާފު ކަމަށް ދައްކާ އެއް ރަށެވެ. އޭގެ އިތުރުން، ވެރިރަށް މާލޭގައި މި މިންވަރު ހުރީ 158 ގައެވެ. އަދި އެއަށްފަހު ށ. ފުނަދޫގައި ހުރީ، 157ގައި އަދި ވިލިމާލެ 156 ގައެވެ. ނަމަވެސް، މިރޭ ދަންވަރު 12:00 ހާއިރު މި 4 ރަށަށްވެސް ވައި ސާފުވާނެކަމަށް އެ އެޕްލިކޭޝަނުން ލަފާކޮށްފައިވެއެވެ.
އާންމު ގޮތެއްގައި އިންސާނުންނަށް ނޭވާލާން އެންމެ އެކަށޭނަ، ސާފު ވައިގެ މިންގަނޑަކީ 50 އިން ދަށެވެ. އަދި 51 އާއި 100 އާ ދެމެދަކީ އާދައިގެ މިންވަރެއް ކަމަށް ބެލެވޭއިރު، 101 އާއި 150 އާ ދެމެދަކީ ވައި ނުސާފު މިންވަރެކެވެ. މީގެ އިތުރުން، ވައިގެ ކޮލިޓީ 151 އާއި 200 އާ ދެމެދަށް އެރުމަކީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވުމެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވާ ދުވަސްކޮޅަށް ވާއިރު، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައިގެ ނުސާފުމިން ހުރީ އާދައިގެ ވަރަކަށެވެ. އެގޮތުން، ހުޅުމާލޭގައި 76ގައި ވައިގެ ނުސާފުމިން ހުރިއިރު ދެކުނު އައްޑޫ ސިޓީގައި ހުރީ 75 ގައެވެ.
ވައި ނުސާފުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ނުރައްކާތެރި ކަމެކެވެ. ހާއްސަކޮށް ބޮޑެތި ބަލިތަށް ތަހައްމަލް ކުރަމުންދާ މީހުންނަށް މާ ނުރައްކާތެރިކަން ބޮޑެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން އެލާޖީގެ މައްސަލަތައް ހުންނަ ފަރާތްތައް ހިމެނެއެވެ. އެފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުން ބޭރު ތެރޭގައި ގިނަ ވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ނުކުންނަންޖެހޭ ކަމަކު ނުކުތް ނަމަވެސް މާސްކު އެޅުމަށް ސިއްހީ އިދާރާތަކުން ވަނީ ހާނދާންކޮށްދީފައިއެވެ.

