ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކޮށް އިންސާފުވެރި މަސައްކަތު މާޙައުލެއް އޮތްކަން ޔަގީންކޮށްދޭން މަސައްކަތް ކުރަށްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންގެ އަޑުގެ“ 14 ވަނަ ޕްރޮގްރާމްގައި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ތަފާތު ކުރުންތަކާއި އަދި ކަމެއް ދިމާވުމުން، އިންސާފު ހޯދަން ގޮންޖެހުންތަކާއި ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އަދި ވަޒީފާގެ މާހައުލުގައި ހުންނަ ކަންބޮޑުވުންތަކަށް ވަޒީފާދޭ ފަރާއްތަކުން އިޖާބަ ނުދޭކަން ވަނީ ޙިއްސާކޮށްފައެވެ.
ރައީސް ވަނީ އެފަދަ ކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިއެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމްކުރުމާއި ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ދެފުއް ފެންނަގޮތުގައި ޖަވާބު ދާރީވާނެ ގޮތްތަކެއް ބަލާދެއްވާނެކަމަށް ވިދާޅުވެފައެވެ.
”ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ތިކަން ވަރަށް ސީރިއަސްކޮށް ބަލާދޭނަން“
ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިމާވާ އެކި ކަހަލަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.
ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤައިމްކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

