ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާތާ 48 ގަޑި އިރުގެ ތެރޭގައި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަން ޖެހޭ ގޮތަށް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މެދުވެރިވެފައިވާ އާއްމު ސިއްހައްތުގެ ނުރައްކަލުގެ ހާލަތުގައި ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށާއި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމަށްޓަކައި، ކަމާއިބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާތްތައް މިހާރުން މިހާރަށް ކޮންމެހެން ގެންނަން ޖެހޭ ވަގުތީ ބަދަލުތައް ގެނެސް އެކަންކަމާއި ގުޅޭގޮތުން އަމަލު ކުރާނެ ހާއްސަ އުސޫލުތައް ވަގުތީ ގާނޫނަކުން ކަނޑައެޅުމެވެ.
”އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020“ ގެ ނަމުގައި ފަރުމާ ކުރާ އެ ގާނޫނާއި ބެހޭގޮތުން ބިލުގައި ބުނެފައިވަނީ މި ބިލުގެ އެންމެ ބޮޑު ބޭނުމަކީ މި ހާލަތާއި އެކު ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މެދުވެފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.
ބިލުގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވި ކަންތައްތަކުގެ ސަބަބުން މަގުމަތި ވެގެން ނުވާނެ ކަމަށެވެ. އަދި އެކަން ނުވެދާނެ ގޮތަށް ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމުގެ ވާހަކަ ބިލުގައި ހިމަނާފައި ވެއެވެ.
ބިލުގައި މިހާރުވެސް އަމަލު ކުރަމުންދާ ގިނަ ކަންތަކެއް ހިމަނާފައިވާއިރު އޭގައި ބުނެފައިވާގޮތުން ބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ މިހާރު އިއުލާނުކޮށްފައިވާ ހާލަތުގައި އަމަލު ކުރަންޖެހޭނީ އެ ގާނޫނަށެވެ.
މި ބިލާއި އެއްގޮތަށް ގާނޫނު ބަދަލުކޮށްފިނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު އެ ހާލަތުގެ މުއްދަތު އިތުރު ކުރަން ޖެހުނަސް އެކަން ޑިރެކްޓާރ ޖެނެރަލް ހުށަހަޅަންޖެހޭނީ މަޖިލީހަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނޭ އޮޑިޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި، މަޖިލީހަށް އަދި އޮޑިޓާރ ޖެނެރަލްއަށް ހުށަހަޅަންޖެހޭނެއެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް މަޖިލީހުގެ ރުހުމެއް ބޭނުން ނުވާނެއެވެ.

