ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުނު މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
ފިލި މައްސަލައިގައި މާދަމާ މެންދުރު 11:00 ޖަހާއިރު އެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފަ އެވެ.
ބާޣީ ލުޠުފީގެ މައްޗަށް ދައުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 537 ވަނަ މާއްދާގެ ދަށުން ނެވެ. މި ދަޢުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 89/HC/01 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސްގެ ބެލުމުގެ ދަށުން ތަންފީޛު ކުރަމުންދަނިކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދައާއެކު، އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޓެމްޕްރަރީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން މީނާގެ އަމިއްލަ ޚަރަދުގައި ބޭސް ފަރުވާ ކުރުމަށްޓަކައި، 16 ޖަނަވަރީ 2010 ވަނަ ދުވަހު އިންޑިއާ ދިއުމަށްފަހު، 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އިދާރާތަކަށް އެންގުމަކާނުލައި ދިވެހިރާއްޖެއަށް އެނބުރި ނައިސް ފިލައިގެން އުޅެފައިވާ މައްސަލާގައެވެ.
ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ބާޢީ ލުތުފީ އެންމެ ފަހުން މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.
މީގެ 31 އަހަރު ކުރިން ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ޕްލޮޓް ޖަމާއަތުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިއާ ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ވަނީ ފިލާފައި ވަނީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރިކަމުގައެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިއާ ބާޣީ ދެހާސްނުވަ ވަނަ އަހަރު ސްރީލަންކާއަށް ބޭސްފަރުވާއަށް ފޮނުވި ގޮތަށް ފިލައިގެން އުޅޭ އޭނާ ހައްޔަރުކޮށް ރާއްޖެ ގެނައުމަށްޓަކާ ވޭތުވެދިޔަ 09 އަހަރުގެ ތެރޭ ވެސް މާބޮޑު މަސައްކަތެއް ނުކުރެއެވެ.
އަމިއްލަ ނަން ބަދަލުކޮށް ލުތުފީ ފިލައިގެން އައުމަށްފަހު، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރިކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެއީ އޭރު ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.
ނަމަވެސް ސަރުކާރުން ވަނީ، އުމަރު ނަސީރު އެ ވާހަކަތައް ފަޅުވާ އަރުވާލުމާއި ހަމައަށް ބާޣީ ލުތުގައި ލަންކާ އެމްބަސީގައި ހުރިކަން ސިއްރުކޮށްފައެވެ. ނަމަވެސް އޭރު ލަންކާގެ ނިއުސް ފަސްޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން ނަން އޮޅުވާލައިގެން ގަވައިދާއި ހިލާފަށް ލަންކާގައި ދިރިއުޅެމުން އައި ލުތްފީ އެމްބަސީގައި ހުރިކަމުގެ އެއްވެސް މައުލޫމާތެއް އެ އިދާރާއަށް އެނގިފައެއް ނެތެވެ. ބާޣީ ލުތްފީ އެމްބަސީގައި ހުރިކަން އުމަރު ނަސީރު ފަޅާއަރުވާލުމާއި އެކު ފުލުހުން ބުނެފައިވަނީ ބާޣީ ލުތްފީ އެމްސީއަށް ހާޒިރުވީ އެ ގައުމުގައި ދިން ޓެރަރިސްޓު ހަމަކާތަކަށްފަހު ގެތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފެށުމުން އޭނާ ހައްޔަރުކޮށްފާނެތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
19 ދިވެހީން ޝަހީދުވި އެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީގެ މައްޗަށް ކުރީގެ ޖިނާއީ ކޯޓުން އިއްވީ މަރުގެ ހުކުމެކެވެ. ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި މީހާއަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މަރުގެ ހުކުމް ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.
މާދަމާ ބާޣީ ލުތުފީގެ ޝަރީއަތެއް ބާއްވާއިރު، އޭނާ ރާއްޖެ ގެނައިތާ އަންނަ މަހު އެއް އަހަރު ވާނެއެވެ.

