ލޮކްޑައުންއާއިއެކު ސަރުކާރު އޮފީސްތައް ބަންދުކުރި ކަމުގައިވިޔަސް، ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިނުވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
”ސަންގު“އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ކޮމިޔުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއިއެކު އޮފީހަށް ގޮސްގެން މަސައްކަތް ކުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހުއްޓާލާފައިވާ ކަމަށެވެ. އެހެންނަމަވެސް، ގޭގައި ތިބެގެން 24 ގަޑިއިއރު މުވައްޒަފުން މަސައްކަތްކުރަމުން އަންނަކަމަށާއި ފޮރިން މިނިސްޓްރީއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މެދުކެނޑުމެއް އައިސްފައިނުވާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރަށް، ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ 16 ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. ޑިޕްލޮމެޓިކް މިޝަންތައް ގާއިމްކޮށްފައިވާ ބައެއް ގައުމުތައް ލޮކްޑައުންގައިވާ ކަމަށާއި އެތަންތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންވެސް ގޭގައި ތިބެގެން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ކޮވިޑް-19އާއި ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށާއި ބައިނަލްއަގްވާމީ ފެންވަރުގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާކަމަށް މިއުވާން ވިދާޅުވިއެވެ.
ލޮކްޑައުންއަށްފަހު ”ނިއު ނޯމަލް“ގައި ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން މިއުވާން ވިދާޅުވީ ސަރުކާރު އޮފީސްތައް ހުޅުވާލިކަމުގައިވިޔަސް ކޮންމެހެން އޮފީހަށް ދާނެޖެހޭ މުވައްޒަފުން ނޫން ބަޔަކު އޮފީހަސް ނުދާނެ ކަމަށެވެ. އަދި ގެއިން މަސައްކަތްކުރެއްވޭނެ މުވައްޒަފުން މަސައްކަތްކުރައްވަމުން ގެންދަވާނީ ގެއިން ކަމަށް ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީއިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކަކީ އޮންލައިން ފޯރުކޮށްދޭ ޚިދުމަތްތައް ކަމަށާއި މީގެ ކުރިންވެސް ފޮރިން މިނިސްޓްރީގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަމުންދާކަން ފާހަގކުރެއްވިއެވެ. އެހެންކަމުން މިކަމަކީ މިނިސްޓްރީގެ މުވައްޒަފުންނަށް އާ ކަމަކަށް ނުވާނެކަމަށް ވިދާޅުވިއެވެ.
ނިއު ނޯމަލްގައި މަސައްކަތްތައް ބައްޓަން ކުރާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމަ ކޮންްވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ޚިދުމަތްދޭ އުސޫލުތަކަށް. ފާހަގަކޮށްލަން މިނިސްޓްރީގެ ގިނަ ޚިދުމަތްތަކަކީ އޮންލައިންކޮށް ދެވޭނެ ޚިދުމަތްތައް. ވަރަށް މަދު ޚިދުމަތެއް ސީދާ އޮފީހަށް ގޮސްގެން ހޯދަން ޖެހޭނީ
ރާއްޖެއިން ބޭރުގައި ތިބި އެކި ދިވެހިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިއުވާން ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ރާއްޖެ ގެނެވިފައިވާ ކަމަށެވެ. އަދިވެސް ރާއްޖެ އަންނަން ބޭނުންވެ އެކަމަކު، ނާދެވި ތިބި ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި މިދަނޑިވަޅަކީ ވަރަށް ދަތި ވަގުތެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ގިނަ އެއާޕޯޓުތަކާއި ބޯޑަރުތައް ބަންދުކޮށްފައިވާ ކަމަށާއި އެހެންކަމުން ދަތިތަކާއި ކުރިމަތިވާކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންނަމަވެސް، މޯލްޑިވިއަންގެ ފްލައިޓުތަކާއި، ޗާޓާޑް ފްލައިޓްތަކުގެ އިތުރަށް ރާއްޖޭގައި ތިބި ބިދޭސީން ބަލައި އަންނަ ފްލައިޓުތަކުގައި ދިވެހިން ގެނައުމަށް މަސައްކަތްކުރަމުންދާކަން މިއުވާން ފާހަގަކުރެއްވިއެވެ.

